ސަރުކާރުގެ ހިއްސާވާ ދަނޑުވެރިކަމުގެ ކުންފުނި އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) އުވާލަން ސަރުކާރުން ނިންމައިފިއެވެ.
މި މަހުގެ 6 ވަނަ ދުވަހުގެ ކުރިން ކުންފުނީގެ އެންމެހައި މުއާމަލާތްތައް ނިންމުމަށް ފިނޭންސް މިނިސްޓްރީން އެގްރޯނެޓަށް އަންގާފައިވާ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ.
އެގްރޯނެޓުން ބުނެފައިވާ ގޮތުގައި، ފިނޭންސް މިނިސްޓްރީގެ އެންގުމާ ގުޅިގެން، ކުންފުނީގެ ބެލެނިވެރި ކުންފުނި ކަމުގައިވާ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން މިހާރު ވަނީ ލިޔެކިޔުންތައް ނިންމުމުގެ މަސައްކަތް ފަށާފައެވެ. ނަމަވެސް، އެގްރޯނެޓް އުވާލުމަށްފަހު ދެން އަމަލުކުރާނެ ގޮތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
އެގްރޯ ނޭޝަނަލް ކޯޕަރޭޝަނަކީ ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ މަޤްޞަދުގައި 2020 ވަނަ އަހަރު އުފައްދާފައިވާ ދިވެހި ސަރުކާރުގެ ހިއްސާވާ ކުންފުންޏެކެވެ. މި ކުންފުނި އުވާލުމަށް ނިންމި ސަބަބު އަދި ސާފުކޮށް ހާމަކޮށްފައެއް ނުވެއެވެ.
މި ނިންމުމާ ގުޅިގެން ދަނޑުވެރިކަމުގެ ދާއިރާއަށް ކުރާނެ އަސަރާއި، އެގްރޯނެޓްގެ މުވައްޒަފުންނަށް ދިމާވާނެ ހާލަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ލިބެން އޮތް މިންވަރަކުން މި ޚަބަރު އަޕްޑޭޓް ކުރެވޭނެއެވެ.



