ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ކަނޑުއަޑީގެ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންތަކުގައި ބޭނުންކުރާނެ ޑީޕް ޓްރެކާއަކާއި، އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި ބޭނުންކުރާނެ ޑްރޯނެއް ހަދިޔާކޮށްފިއެވެ.
މި ދެ ވަސީލަތް އެމްއެންޑީއެފްއާ ހަވާލުކޮށްފައިވަނީ މިއަދު ބަންޑާރަކޮށީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ސްޓެލްކޯގެ ފަރާތުން މި ވަސީލަތްތައް އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ހުސައިން ފަހުމީ ހަވާލުކޮށްދެއްވާފައިވާއިރު، އެމްއެންޑީއެފްގެ ފަރާފްގެ ފަރާތުން މި ވަސީލަތްތަކާ ހަވާލުވެ ވަޑައިގަތީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއެވެ.
ސްޓެލްކޯއިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، އެމްއެންޑީއެފްއަށް ހަދިޔާކުރި އަލިފާން ނިއްވުމަށް ބޭނުންކުރެވޭ ޑްރޯނަކީ ފެން ހޮޅިއާއެކު 200 މީޓަރު އުހަށް ދަތުރުކުރުމުގެ ޤާބިލުކަން ލިބިފައިވާ ޑްރޯނެކެވެ. މީގެ އިތުރުން ހަދިޔާކުރި ޑީޕް ޓްރެކާއަކީ 200 މީޓަރު އަޑިއަށް ދަތުރުކޮށް، ރޮބޮޓިކް އާމެއްގެ އެހީއާއެކު ކަނޑު އަޑިން ތަކެތި ނެގުމުގެ ޤާބިލުކަން ލިބިފައިވާ ވަސީލަތެކެވެ.
މި ދެ ވަސީލަތް އެމްއެންޑީއެފްއަށް ހަދިޔާކުރުމުން، ކަނޑުގެ އަޑީގައި ހިންގަންޖެހޭ ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކާއި، އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އެމްއެންޑީއެފްގެ ޚިދުމަތް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ. މިފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދިވެހި ރައްޔިތުންނަށް އިތުރު ރައްކާތެރިކަމެއް ފޯރުކޮށްދެވޭނެ ކަމަށްވެސް އުއްމީދުކުރެވެއެވެ.



