ވެލަނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީ.އައި.އޭ) އިން ފޯރުކޮށްދެމުންދާ ސީ-ޓު-އެއާރ ކާރގޯ ޓްރާންސްޝިޕްމަންޓް ހިދުމަތުގެ ތެރެއިން އެއްހާސް ޓަނުގެ މުދާ އެކްސްޕޯޓްކޮށްފިއެފވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕިއެލް)، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބައިނަލްއަގުވާމީ ފެންވަރުގައި ގުޅިގެން މިއަހަރުގެ މެއި މަހު ފަށާފައިވާ މިހިދުމަތުން މައިގަނޑު ގޮތެއްގައި އެކްސްޕޯޓްކޮށްފައި ވަނީ ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑުމަގުން އެތެރެކުރާ ގަރމެންޓް ޝިޕްމަންޓްތަކެވެ.
މިހާރު އިނގިރޭސިވިލާތުގެ ވާޖިން އެޓްލާންޓިކް ވެސް ގުޅުމާއެކު، ޖުމްލަ 12 އެއާރލައިނަކުން މި ހިދުމަތުގައި ބައިވެރިވެފައިވާ ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.
އެމްއޭސީއެލްއިން ހާމަކޮށްފައިވާ ގޮތުގައި މި ހިދުމަތާއެކު ވީއައިއޭއިން ދެމުންދާ ކާރގޯގެ ހިދުމަތްތައް ވަނީ އިތުރަށް ފުޅާވެގެން ގޮސްފައެވެ. ދުނިޔޭގެ ކަރގޯ ކަނެކްޓިވިޓީ ލޮޖިސްޓިކްސް ޗެއިންގައި ވީއައިއޭގެ ހިއްސާ އޮތުމަކީ ރާއްޖޭގެ އިގްތިސާދަށް އެމްއޭސީއެލްއިން ވަމުން އަންނަ ހިއްސާ އިތުރަށް ވަރުގަދަ ވާނެ ކަމެއް ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.
އެމްއޭސީއެލްއިން އިތުރަށް ފާހަގަކޮށްފައިވަނީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ފުރިހަމަ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ދިނުމަށް އެ ކުންފުނިން އަބަދުވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މިއީ އެމްއޭސީއެލްގެ އޮޕްރޭޝަންސް ފުޅާކޮށް ރާއްޖޭގެ އިޤްތިސާދު ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަހަރު މުޅީން އަލަށް ތައާރަފްކުރެވުނު ހިދުމަތެކެވެ.
މިއަހަރު ހުޅުވުނު ކާރގޯ ޓާމިނަލްއަކީ ވެސް މިފަދަ ގިނަ ހިދުމަތްތަކެއްދެވޭ ފެންވަރަށް ތަރައްގީކުރެވިފައިވާ ޓާމިނަލެއްކަން ފާހަގަކޮށްލެވެއެވެ.




