އަހަރަކަށްވުރެ ގިނަ ދުވަސް ވަންދެން އިޒްރޭލުން ލުބްނާނަށް ދެމުންގެންދިޔަ ހަމަލާތައް ހުއްޓާލީ މިދިޔަ ހަފްތާގައި އިއުލާނު ކުރުމަށްފަހު، ޔަހޫދީ އިޒްރޭލުން ރޭގައި އަނެއްކާވެސް ލުބްނާނަށް ހަމަލާތަކެއް ދީިފިއެވެ.
ބޭރުގެ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ދެކުނު ލުބްނާނަށް އިޒްރޭލުން ދިން މި ހަމަލާގައި އެޤައުމުގެ 11 މީހަކު މަރުވެފައިވެއެވެ.
ސުލްހަވެރި އެއްބަސްވުމަކަށް ގޮސް، ހަނގުރާމަ ހުއްޓާލީކަމަށް ބުނެފައިވަނިކޮށް އިޒްރޭލުން ފުރަތަމަ ދިން މި ހަމަލާތަކާ ގުޅިގެން އެ ޤައުމުގެ ސަރުކާރުން ބުނީ، ލުބްނާންގެ ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ ހިޒްބުﷲ އާއެކު ދިޔައީ ދާއިމީ އެއްބަސްވުމަކަށް ނޫން ކަމަށާއި، އެއީ ސުލްހަވެރިކަން ދެމެހެއްޓޭތޯ ޓެސްޓަކަށްވީ އެއްބަސްވުމެއް ކަމަށެވެ. އަދި ހިޒްބުﷲ އިން ދިޔައީ އެމުއްދަތުގައި އިޒްރޭލާ ދެކޮޅަށް ރޭވުންތަކެއް ރާވަމުން ކަމަށާއި ހަމަލާދިނީ އެހެންވެ ކަމަށް ވެސް އިޒްރޭލުން ބުނެފައިވެއެވެ.
ނަމަވެސް ހިޒްބުﷲ އިން ވަނީ އިޒްރޭލުގެ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި އެފަދަ އެއްވެސް ރޭވުމެއް އެ ޖަމާޢަތުން ނުރާވާ ކަމަށާއި އިޒްރޭލުން ކުރިން ޔަގީންކަން ދިނީ އެ އެއްބަސްވުމަކީ ދާއިމީ އެއްބަސްވުމެއް ކަމުގައި ވެސް ހިޒްބުﷲ އިން ބުންޏެވެ.
މީގެއިތުރުން ހިޒްބުﷲ އިން ބުނީ އިޒްރޭލު ފަދަ މަކަރުވެރި ޤައުމަކާއެކު ދެން ސުލްހަވެރިވާން އުންމީދުވެސް ނުކުރާނެ ކަމަށެވެ. އެއާއެކު އެ ޖަމާއަތުން ވެސް މިއަދު ފަތިހު ވަނީ އިޒްރޭލަށް ހަމަލާތަކެއް ދީފައެވެ. ނަމަވެސް އެ ހަމަލާތަކުގެ ސަބަބުން އިޒްރޭލަށް އެއްވެސް ގެއްލުމެއް މިހާތަނަށް ލިބިފައިވާކަން ރިޕޯޓު ކޮށްފައެއް ނުވެއެވެ.




