ރާއްޖެއާއި އެކުވެރި ޤައުމުތަކާ މުއާމަލާތު ކޮށްގެން، އެ ޤައުމުތަކަށް ދައްކަން ޖެހޭ ބައެއް ދަރަނިތަކުގެ މުއްދަތު ވަނީ އިތުރުކުރުމުގެ ކަންކަން ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޒަމީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން، މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ގައުމު ބަނގުރޫޓޫވުމާ ގުޅޭގޮތުން ދައްކަމުން އައި ވާހަކަތައް މިހާރު ހުއްޓިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
އެގޮތުން މިނިސްޓަރ ޒަމީރު ވިދާޅުވީ މި ސަރުކާރާ ހަވާލުވިއިރު 124 ބިލިއަން ރުފިޔާގެ ދަރަނި ދައްކަންވެފައި އޮތް ކަމަށާއި އޭގެ ތެރެއިން ދެބައިކުޅަ އެއް ބަޔަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ދަރަނި ކަމަށެވެ. އަދި ޖުމްލަ އާމްދަނީ 24 އިންސައްތަ ދަރަނި ދައްކަން ސަރުކާރުން ހަރަދުކުރަން ޖެހޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ދަރަނި ދައްކަންވެފައި އޮތް ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ މަސައްކަތްޕުޅާ އެކު ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދެވޭނެ ގޮތަށް ބަޖެޓު އެކަށައެޅިފައިވާ ކަމުގަ އެވެ.
”ޑިއުވާ ހުރިހާ ދަރަންޏެއް ދައްކަން އުޅެ، ރައްޔިތުންނަށް ހިދުމަތްދޭން މަސައްކަތްކޮށްފި ކަމަށް ވަންޏާ އައިއެމްއެފްގެ ރިޕޯޓުގައި އޮތްގޮތަށް އަޅުގަނޑުމެން ބަނގުރޫޓުވާނެ،“ ފިނޭމްސް މިނިސްޓަރު ވިދާޅުވި އެވެ.
އެހެންނަމަވެސް، ރައީސްގެ މަސައްކަތްޕުޅާ އެކު އެ ހާލަތުން މިހާރު ރާއްޖެ ނެރެފައިވާ ކަމުގަ އެވެ. އާމްދަނީއަށް ފަހިވާގޮތަށް ކަންކަން ހަރުދަނާކޮށް، ހަރަދުތައް ”ރެޝަނަލައިޒް“ ކޮށް، ރަހުމަތްތެރި ގައުމުތަކާ މުއާމަލާތުކޮށްގެން ދައްކަން ޖެހޭ ބައެއް ދަރަނިތަކުގެ މުއްދަތު އިތުުރުކުރުމުގެ ކަންކަން ހަމަޖެހިފައިވާކަން ޒަމީރު ފާހަގަކުރެއްވި އެވެ.
މީގެއިތުރުމް މިނިސްޓަރ ޒަމީރު ވިދާޅުވީ ދަރަނިތަކުން ސަލާމަތް ކުރުމަށް ރައީސް ވަނީ ގިނަ ޕްލޭންތަކެއް ހައްދަވާފައި ކަމަށާއި މެނިފެސްޓޯގައި ވެސް އެ ކަންކަމަށް އަލިއަޅުވާލާފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރު ދުވަހުގެ ތެރޭގައި ކާމިޔާބު މަސައްކަތްތަކެއް ކުރެވި، ގައުމު ދަރަނިވެރިވުމުގެ ހާލަތުން ގާތްގަނޑަކަށް ސަލާމަތް ކުރެވިފައިވާ ކަމަށެވެ.



