ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަައް ރިޕޯޓު ކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާއްސަކުރި ”އިމިގްރޭޝަން ވޮޗް“ ޕޯޓަލްއަށް މިއަހަރުގެ ޖުލައި މަހުން ފެށިގެން މިހާތަނަށް 1،000 އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށް އެ މުއައްސަސާއިން ހާމަކޮށްފިއެވެ.
މިފަދަ މައްސަލަތައް ރިޕޯޓު ކުރުމަށް ހާއްސަ ކޮށްގެން އިމިގްރޭޝަނުން އެ ޕޯޓަލް އިފްތިތާހު ކުރީ ޖުލައި މަހުގެ 17 ވަނަ ދުވަހުގައެވެ.
”އެކްސް“ މެދުވެރިކޮށް އިމިގްރޭޝަނުން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ނިމިދިޔަ ނޮވެމްބަރު މަހުގެ 30 އާ ހަމައަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ 1،017 ކޭސް ރިޕޯޓްކޮށްފައިވެއެވެ.
އޭގެތެރޭގައި އެންމެ ގިނައީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ މައްސަލަތަކާއި ވޯކް ވިސާ އާ ހިލާފުވުމުގެ މައްސަލަތަކެވެ. އެ ދެ ބާވަތުގެ 239 މައްސަލަ ހުށަހެޅިފައިވެ އެވެ.
މީގެއިތުރުން ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ 65 މައްސަލައެއް ވެސް ހުށަހަޅާފައިވެއެވެ. އަދި ވަޒީފާއަށް ފިލުމުގެ 41 މައްސަލައެއް ވެސް ހުށަހަޅާފައިވެއެވެ.
އިމިގްރޭޝަން ވޮޗްއަށް ހުށަހެޅިފައިވާ އިތުރު މައްސަލަތައް:
• ޓޫރިސްޓް ވިސާ އާ ހިލާފުވުން: 14
• އެމްޕްލޯޔަ ސްޕޮންސާ އާ ހިލާފުވުން: 12
• ވިސާގެ ބޭނުން ނަހަމައިން ކުރުން: 12
• އެކި ބާވަތުގެ ކުށް ކުރުން: 11
• މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރި ކުރުން: 10
• އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް އަމަލުކުރުން: 8
• ހިއުމަން ޓްރެފިކިން: 7
• ބްލެކްމާކެޓުގައި ބޭރު ފައިސާ މާރުކުރުން: 7
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް މާލެ އާއި ހުޅުމާލޭގައި ހިންގާ ރެއިޑްތަކުގެ އިތުރުން މާސް ދެ އިންސްޕެކްޝަނެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.



