ހުޅުމާލޭ ފަޅުތެރޭގައި މަރުވެފައި އޮއްވާ އިއްޔެ ފެނިފައިވަނީ މ. މަޑުއްވަރީ އަށް ނިސްބަތްވާ މަސްވެރިއެއްކަން ހާމަވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު އިއްޔެ ވިދާޅުވީ ހުޅުމާލޭ ފަޔަރ ސްޓޭޝަނާ ދިމާލުން ފަޅުތެރެއިން ހަބަރު ހުސްވެފައި އޮތް ދިވެހި ފިރިހެނަކު ފެނިގެން އެމީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެމީހާ ނިޔާވެފައިވާކަން އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ.
މިހާދިސާއާ ގުޅިގެން ފުލުހުން މިއަދު ވިދާޅުވީ ނިޔާވެފައިވަނީ މަޑުއްވަރީ ކޮކޮނަޓް ވިލާ އިބްރާހިމް ޖިނާހް މުހައްމަދު (36އ.) ކަމަށެވެ.
ތަހުގީގުގެ ތެރެއިން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ޖިނާހުގެ ހަށިގަނޑު ރޭގެ ވަގުތެއްގައި އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި ޖިނާހަކީ ކަންނެލި ދޯންޏަކުން މަހަށްދާ މީހެކެވެ. އަދި އޭނާ މަހަށް ދަނީ އެހެން ރަށެއްގެ ދޯންޏަކުން ކަމަށާއި މަޑުއްވަރީއަށް ނުދާތާ ވަރަށް ދުވަސްވެފައިވާކަން އެނގިފައިވެއެވެ.



