ނައީމާ މޫސާ މަރާލި މައްސަލައިގައި ދައުވާ ލިބޭ އަބްދުލްވާހިދު ރިފާސް، ކުރިން ތަހުގީގަށް ދިން އިއުތިރާފު ބަޔާނުގައި ހާދިސާ ހިނގި ކަމަށް ބުނި ގޮތް ސާބިތުކުރުމަށް ދައުލަތުން މިއަދު ގިނަ ހެކިތަކެއް ކޯޓަށް ހުށަހަޅައިފި އެވެ.
ނ. މަނަދޫގައި ވަރަށް ރަހުމު ކުޑަ ގޮތަކަށް ނައީމާ މަރާލާފައި އޮއްވާ ފެނިފައިވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުގައެވެ. މިމައްސަލައާ ގުޅިގެން ރިފާސް ގެ އިތުރުން ދައުލަތުން ދައުވާ ކޮށްފައިވަނީ ހުސެއިން ފަވާޒްއާއި އަހުޒަމް އަބްދުލްޝަކޫރުގެ މައްޗަށެވެ. މި ތިން މީހުންގެ މައްޗަށް ކޮށްފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާގެ އިތުރުން މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާއެވެ.
މިދައުވާތަކަށް ރިފާސް މިހާރު އިއުތިރާފުވެފައިވާއިރު އޭނާގެ ބަޔާން ސާބިތު ކުރުމުގެ ގޮތުން ދައުލަތުން ވަނީ ހެކީގެ ގޮތުގައި ރިފާސްއާއި އަހުޒަމް އަދި ހަސަން ފަވާޒުގެ ސެލް ލޮކޭޝަނާއި ކޯލް ރެކޯޑިންތައް ހުށަހަޅާފައެވެ.
މީގެއިތުރުން ނައީމާ މަރާލި ވަގުތު ބޭނުންކުރި މާސްކާއި އަންގި އަދި ދެ ވަޅި ވަޅުލާފައި އޮތް ތަނުން އެ ތަކެތި ފެނުނު ކަމާއި އެއީ ރިފާސް ބުނި ތަން ކަން ވެސް ދައުލަތުން ފާހަގަކޮށްފައިވެ އެވެ. އަދި ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރޭގައި ވަޅުގަނޑުން ނެގި ތަކެތިން ނައީމާގެ ޑީއެންއޭ ފެނުނު ކަމަށް ބަޔާންކުރާ ޑީއެންއޭ ތަހުލީލު ރިޕޯޓު ވެސް ހިމެނެ އެވެ. އަދި ރިފާސްގެ ބަޔާން ނެގި އިރު ހަރަކާތްތެރިވި ފުލުހުންނާއި ތަހުގީގުގައި ބައިވެރިވި ފުލުހުންގެ ހެކިބަސް ނެގުމަށް ވެސް ދައުލަތުން އެދިފައިވެ އެވެ.
ރިފާސްގެ ފަރާތުން ދިފާއުގައި ހުށަހެޅި ހެކިތަކަކީ ކުށް ހިނގި ތަނުގައި އެ ވަގުތު އޭނާ ނެތް ކަން ސާބިތުކުރުމަށާއި އިއުތިރާފު ބަޔާން ދިނީ ވަކީލުގެ ލަފާގެ މަތިން ޖިނާއީ އަދުލުގެ ނިޒާމުން ލިބޭ ހައްގުތައް ނޭނގި ހުރެ ކަން ސާބިތުކުރުމަށް ކަމަށް ވެ އެވެ.
ނައީމާ ދިރިއުޅޭ ކޮޓަރީގައި ގިނަ ޒަހަމްތަކަކާއެކު އޭނާ މަރުވެފައި އޮއްވާ ފެނުނު އިރު ގައިގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ގިނަ ހަމަލާތަކެއް ވަނީ ދީފައެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ހަބަރެއް ނުވާތާ ދެ ދުވަހެއް ވެގެން އެ ރަށުގެ ބައެއް މީހުންނާއެކު ފުލުހުން އެގެއަށް ވަދެ ބެލުމުންނެވެ.




