އިލެކްޝަންސް ކޮމިޝަނަށް އައު އޮފީސް އިމާރާތެއް ހޯދުމަށް ކުރި އިއުލާނު ބާތިލު ކޮށްފިއެވެ.
އެއިއުލާނު ބާތިލު ކުރީ އަންދާޒާކުރި ބަޖެޓަށްވުރެ ބޮޑުވުމުގެ ސަބަބުން ކަމަށް އެ ކޮމިޝަނުން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނެފައިވެއެވެ.
އީސީ އިން މިދިޔަ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ކޮމިޝަން ހިންގުމަށް، 10 އަހަރު ދުވަހުގެ މުއްދަތަކަށް ކުއްޔަށް ދޭނެ އިމާރާތެއް ހޯދާ ކަމަށެވެ.
އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ ބިޑުތައް ބާތިލްކުރީ ލިބުނު އަގު ބޮޑުވެގެން ކަމަށެވެ.
އެގޮތުން ހުށަހަޅާފައިވަނީ 5 މިލިއަނަށްވުރެ އަގުބޮޑު ބިޑުތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަންގެ އޮފީސް މިހާރު ހިންގަމުންދަނީ ޕޯޓް ކޮމްޕްލެކްސް އިމާރާތުގެ 5ވަނަ ފަންގިފިލާގައެވެ.



