ރާއްޖެއާއި ޗައިނާގެ ގުޅުން ބަދަހިކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގ ލިޒިންއަށް ޝުކުރުއަދާކުރައްވައިފިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވުނު ބައްދަލުވުމެއްގައި ރައީސް މުޢިއްޒު މިފަދައިން ވިދާޅުވެފައިވަނީ، ޗައިނާ ސަފީރު ވަދާޢީ ޒިޔާރަތެއް ކުރެއްވުމާ ގުޅިގެންނެވެ. ރައީސް ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ސަފީރު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތަޢުރީފުކުރައްވައި، ސަފީރުގެ ހައިސިއްޔަތުން އެކަމަނާގެ އިސްނެންގެވުމާއެކު ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.
މީގެއިތުރުން، ޗައިނާ ސަރުކާރުން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްވެސް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ޗައިނާ ސަފީރު ވަންގ ލިޒިން ވެސް ވަނީ ރައީސް މުޢިއްޒަށާއި މިހާރުގެ ސަރުކާރުން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އިރުޝާދަށް ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން މިސަރުކާރުގެ ވޭތުވެދިޔަ އެއް އަހަރުދުވަހުގެ ތެރޭގައި ހޯއްދަވާފައިވާ ވިލުންތެރި ކާމިޔާބީތަކާއި، ކުރިއެރުންތައް ފާހަގަކުރައްވައި، ތަޢުރީފް ކުރެއްވިއެވެ.
މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ޗައިނާގެ އެހީގައި މިހާރު ކުރިއަށްދާ މަޝްރޫއުތަކާއި، ދެ ޤައުމު ގުޅިގެން މަސައްކަތްކުރެވޭނެ އިތުރު ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
ބައްދަލުވުން ނިންމާލަމުން ދެ ބޭފުޅުން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ވިދާޅުވެފައެވެ.




