ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅާ ސަފީރަކަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު އައްޔަނު ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއިން މިއަދު ފާސްކޮށްފި އެވެ.
ތައިލޭންޑުގެ ސަފީރަކަށް ފުއާދު އައްޔަނު ކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯއްދެއްވުމަށް ރައީސް ޑރ. މުއިއްޒު ފޮނުއްވަވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
މިއަދު މަޖިލީހުގައި ކުރިޔަށް ދިޔަ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ފުއާދަށް ރުހުން ދީފައިވަނީ އެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުން އިއްތިފާގުންނެވެ.
ފުއާދު ތައުފީގް އެންމެ ފުރަތަމަ އިލެކްޝަންސް ކޮމިޝަނަށް ހިދުމަތް ކުރައްވަން ފެއްޓެވީ 2008 ވަނަ އަހަރު އެ ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައެއެވެ. އޭގެ ފަހުން 2009 ވަނަ އަހަރު އެ ކޮމިޝަނުގެ ރައީސްގެ ގޮތުގައި ފުއާދު ވަނީ 5 އަހަރު ހޭދަ ކުރައްވާފައެވެ. 2014 ވަނަ އަހަރު ކޮމިޝުން ވަކިވުމަށް ފަހު ފުއާދު އަލުން ކޮމިޝަންއާއި ގުޅުނީ 2019 ވަނަ އަހަރު އެވެ.




