ޒަހަމްތަކަކާއެކު ނ. ހޮޅުދޫން ފެނިފައިވާ އެރަށު މާރަނގަ ޒަކިއްޔާ މޫސާ (50އ.) ގެ މަރާ ގުޅިގެން އެއްވެސް މީހެއްގެ ބައިވެރިވުމެއް ނެތްކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.
ގިނަ ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ޒަކިއްޔާ ފެނިފައިވަނީ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު، އޭނާ ދިރިއުޅުނު ހޮޅުދޫ ނިއުލައިފް ގޭގެ ބަދިގެފަރާތުގައި ހުންނަ ގުދަނެއްގެ ކައިރިންނެވެ. ޒަކިއްޔާއަކީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދިޔަ މީހެއް ކަމަށްވާތީ، އޭނާ މަރުވީ އަމިއްލައަށްކަމަށް އެރަށުތެރޭގައި ވަނީ އަޑުފެތުރިފައެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ތަހުގީގު ޓީމެއް ވަނީ ހޮޅުދޫގައި ހަރަކާތްތެރިވެފައެވެ.
ޒަކިއްޔާގެ މަރާ ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ، މި ހާދިސާއާ ގުޅިގެން ޒަކިއްޔާގެ ހަށިގަނޑު ބެލި ބެލުމުން އޭނާގެ ކަރުގެ ކަނާތާއި ވައަތް ފަރާތަށް ތޫނު އެއްޗެކުން ލިބިފައި ހުރި އަނިޔާގެ ގިނަ ޒަހަމްތަކެއް ފެންނަން ހުރިކަމަށެވެ. އެގޮތުން ކަރުގެ ކަނާތްފަރާތުގައި ފުން ދެ ޒަހަމެއް އަދި ވައަތް ފަރާތުގައި ފުން ތިން ޒަހަމެއް ހުރި ކަމަށާއި ކަރުގެ މެދާއި ހިސާބުގައި ތިލަކޮށް ހުރި އެއް ޒަހަމް ހުރި ކަމަށް ވެސް ސާމިހު ވިދާޅުވިއެވެ.
”ނަމަވެސް ހަށިގަނޑުގެ އެނޫން އެހެން އެއްވެސް ތަނަކަށް އެއްވެސް އަނިޔާއެއް ލިބިފައިވާކަން ފާހަގަ ކުރެވިފައެއް ނުވޭ. މިހާދިސާއާ ގުޅިގެން ޒަކިއްޔާގެ މަރުގެ ހަގީގަތް ދެނެގަތުމަށް އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށް އެރޭގެ ވަގުތެއްގައި ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނެސް ޕެތޮލޮޖިސްޓް ޑޮކްޓަރެއް ހަށިގަނޑު ބަލާފައިވޭ.“ ސާމިހު ވިދާޅުވިއެވެ.
އެއަށްފަހު 2024 ސެޕްޓެމްބަރު 12 ވަނަ ދުވަހު ޒަކިއްޔާގެ ހަށިގަނޑު އަނބުރާ ނ. ހޮޅުދޫއަށް ގެންގޮސް އާއިލާއާ ހަވާލުކޮށް އެދުވަހު އޭނާގެ ހަށިގަނޑު ވަޅުލާފައިވާ ކަމަށް ވެސް ފުލުހުންގެ ތަހުގީގު ރިޕޯޓާ ހަވާލާދީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ވިދާޅުވިއެވެ.
ޒަކިއްޔާގެ މަރާގުޅިގެން ތަފާތު އެކިއެކި ތުހުމަތުތައް ފެތުރިފައިވާކަން ފާހަގަ ކުރައްވާ ސާމިހު ވިދާޅުވީ އެތުހުމަތުތަކުގެ ހަގީގަތް ދެނެގަތުމަށް ތަހުގީގުން ކުރެވެންހުރި އެންމެހާ މަސައްކަތްތަށް ކުރެއްވި ކަމަށެވެ.
އެގޮތުން 2024 ނޮވެމްބަރު 25 ވަނަ ދުވަހު ދެވަނަ ފަހަރަށް ތަހުގީގު ޓީމު ހޮޅުދޫއަށް ގޮސް، ތަހުގީގުން ކުރެވެން ހުރި މަސައްކަތްތަށް އެހިނދުން ފެށިގެން އިތުރަށްކޮށް އެތުހުމަތުތަކުގެ ހަގީގަތްވެސް ކަށަވަރު ކުރެވިފައިވާ ކަމަށް ސާމިހު ވިދާޅުވިއެވެ.
”އެގޮތުން ނަރުދަމާ ނިޒާމުގެ ތެރެއިން ބުރުގަލެއް ފެނިފައިވާއިރު، އެބުރުގަލަކީ ޒަކިއްޔާގެ ބުރުގަލެއް ކަމުގައި ދޭހަވާ ތުހުމަތުތަކެއް ވަނީ އުފައްދާފަ. ނަމަވެސް އެއީ ޒަކިއްޔާގެ ބުރުގަލެއް ނޫންކަން ތަހުގީގަށް މިހާތަނަށް ވަނީ ދެނެގަނެވިފަ. އާންމުގޮތެއްގައި ތުހުމަތު ކުރެވޭނީ މިފަދައިން ކަންކޮށްފައިވާނީ ހެކި ނައްތާލުމަށް (އެކަން ކުރި ފަރާތް) ބުރުގާވެސް އެއްލާލީކަމަށް. ނަމަވެސް އެކަން އެގޮތަށް ނުހިނގާކަން (އަޅުގަނޑުމެން ފިޒިކަލީ އެތަނަށް ގޮސް) ވަނީ ކަށަވަރުކޮށްފަ“ ސާމިހު ވިދާލުވިއެވެ.
މީގެއިތުރުން ސީނުން ފެނުނު ވަޅީގައި ލޭގެ އަސަރު ނެތްކަމަށް ވެސް ވާހަކަ ދެކެވޭއިރު، އެ ވަޅީގައި ގިނަ އަދަދަކަށް ލޭ ހުރިކަން ތަހުގީގަށް ފާހަގަ ކުރެވޭ ކަމަށް ވެސް ސާމިހު ވިދާޅުވިއެވެ. އަދި އެ ވަޅިއަކީ ގޭގޭގައި ބަދިގޭގައި ބޭނުންކުރާ ވައްތަރުގެ ވަޅިއެއްކަން ފާހަގަ ކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ.




