މޯލްޑިވްސް އިމިގްރޭޝަންގެ ނަން ފަނޑުވެފައި ވަނިކޮށް، މިހާރު ރައްޔިތުން ވަނީ އެ މުއައްސަސާ އަކީ ވެސް ލޯ އެންފޯސްމަންޓު އެޖެންސީއެއް ގޮތަށް ބަލައިގެންފައި ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.
އެމް.އެމް.ޓީވީ އިން ރޭގައި ގެނެސްދިން ”ބޮޑު ޚަބަރު“ ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ޝަމްޢާން ވިދާޅުވީ އިމިގްރޭޝަންގެ ނަން ފަނޑުވެފައި ވަނިކޮށް މިދިޔަ އެއް އަހަރު ތެރޭގައި ކުރެވުނު މަސައްކަތުން، އެ އިދާރާއަކީ ވެސް ހަރުދަނާ މަސައްކަތްތަކެއް ކުރާ ވަރުގަދަ ލޯ-އެންފޯސްމަންޓް އެޖެންސީއެއް ގޮތަށް ރައްޔިތުން މިހާރު ބަލައިގެންފި ކަމަށެވެ.
މީގެއިތުރުން ޝަމްޢާން ވިދާޅުވީ އެގޮތުން އިމިގްރޭޝަންއިން ކުރި އަދި ކުރަމުންދާ އެންމެ މުހިންމު އެއް މަސައްކަތަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ގެންނަން ކުރަން ފެށި މުހިންމު މަސައްކަތް ކަމަށެވެ.
”ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ މިއީ އަދި ހަމަ ފެށުން. އަދި މި މަސައްކަތުގައި ބޮޑުބައި އޮތީ ކުރިއަށް“ ޝަމްޢާން ވިދާޅުވެފައިވެއެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަައް ރިޕޯޓު ކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާއްސަކުރި ”އިމިގްރޭޝަން ވޮޗް“ ޕޯޓަލްއަށް މިއަހަރުގެ ޖުލައި މަހުން ފެށިގެން މިހާތަނަށް 1،000 އަށް ވުރެ ގިނަ މައްސަލަވަނީ ހުށަހަޅާފައެވެ.
މިފަދަ މައްސަލަތައް ރިޕޯޓު ކުރުމަށް ހާއްސަ ކޮށްގެން އިމިގްރޭޝަނުން އެ ޕޯޓަލް އިފްތިތާހު ކުރީ ޖުލައި މަހުގެ 17 ވަނަ ދުވަހުގައެވެ. އިމިގްރޭޝަނުން ދާދި ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައި ގޮތުގައި ޖުލައި 17 އިން ފެށިގެން ނޮވެމްބަރު މަހުގެ 30 އާ ހަމައަށް މިފަދަ 1،017 ކޭސް ރިޕޯޓުކޮށްފައިވެއެވެ.
އޭގެތެރޭގައި އެންމެ ގިނައީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ މައްސަލަތަކާއި ވޯކް ވިސާ އާ ހިލާފުވުމުގެ މައްސަލަތަކެވެ. އެ ދެ ބާވަތުގެ 239 މައްސަލަ ހުށަހެޅިފައިވެ އެވެ.
މީގެއިތުރުން ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ 65 މައްސަލައެއް ވެސް ހުށަހަޅާފައިވެއެވެ. އަދި ވަޒީފާއަށް ފިލުމުގެ 41 މައްސަލައެއް ވެސް ހުށަހަޅާފައިވެއެވެ.



