ރައްޔިތުންގެ މަޖިލިހުގައި މިއަދު އެޖެންޑާ ކުރާނެ މަސައްކަތެއް ނެތުމުން، ޖަލްސާ ކެންސަލު ކޮށްފިއެވެ.
މަޖިލިސް ޖަލްސާތައް އާންމުކޮށް ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުއެވެ. ނަމަވެސް މުހިންމު ބިލްތައް ފާސްކުރުމުގެ މަސައްކަތް ހުރިނަމަ ބުރާސްފަތި ދުވަހު ވެސް މަޖިލިސް ޖަލްސާ ބާއްވައެވެ.
މިދުވަސްތަކުގައި އާންމުކޮށް ހެނދުނު 9:00 ގައި ޖަލްސާ ފެށުމުގެ ކުރިން އެޖެންޑާ އާންމުކުރެއެވެ. ނަމަވެސް މިއަދުގެ އެޖެންޑާ އާންމު ނުކުރުމުން ނޫސްވެރިން އެކަމާ ސުވާލުކުރުމުން، ރައްޔިތުންގެ މަޖިލިހުގެ މީޑިއާ އޮފިޝަލު ވިދާޅުވީ ދެން މަޖިލިސް ޖަލްސާ އޮންނާނީ މިމަހުގެ 9 ވާ ހޯމަ ދުވަހު ކަމަށެވެ.
މިއަދު ޖަލްސާ އޮންނާނެ ކަމަށް އިއްޔެގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލިސްގެ ނައިބު ރައީސް މުހައްމަދު ނާޒިމް ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިއަދުގެ ޖަލްސާ ކެންސަލުވީ ސަބަބު ބަޔާން ނުކޮށް މީޑިއާ އޮފިޝަލު ހަމައެކަނި ވިދާޅުވެފައިވަނީ ދެން ޖަލްސާ އޮންނާނެ ދުވަހެކެވެ.
ނަމަވެސް މަޖިލިހުގެ މިއަދުގެ ޖަލްސާ ކެންސަލު ކޮށްފައިވަނީ އެޖެންޑާ ކުރާނެ އެއްވެސް މަސައްކަތެއް ނެތުމުންކަން ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.
އެޖެންޑާ ކޮށްގެން ކުރާނެ އެއްވެސް ބިލެއްގެ މަސައްކަތް ނެތްކަމުގައި ވިޔަސް، ކޮމިޓީ މަސައްކަތްތައް މިއަދު ވެސް ކުރިއަށް ދާނެއެވެ. އެގޮތުން މިހާރު ކުރިއަށްދަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމަކާއި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެކެވެ.



