ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިޔަފާރި އުސޫލުން ދޫކޮށްފައިވާ ބިންތަކަށް އެކި ވިޔަފާރިތަކުން ދައްކަން ޖެހި ނުދައްކާ ހުރި 1.4 ބިލިއަން ރުފިޔާގެ ތެރެއިން 226 މިލިއަން ރުފިޔާ މިހާތަނަށް ހޯދައިފި ކަމަށް އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ ކުންފުންޏާ ހަވާލުވިއިރު ދޫކޮށްފައިވާ ބިންތަކަށް އެކި ވިޔަފާރިތަކުން ނުދައްކާ 1.4 ބިލިއަން ރުފިޔާ އޮތް ކަމަށާއި އެފަދަ އެތައް ބައިވަރު މައްސަލަތަކެއް ކުންފުނީގައި ހުރުމުން އެ މައްސަލަތައް ބެލުމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލި ކަމަށެވެ.
”އަޅުގަނޑުމެން އިނީޝިއަލީ ފަށައިގަތް އިރުގަ ގާތްގަނޑަކަށް 1.4 ބިލިއަން އޮތްއިރުގަ މިއަދު އެ ރިކަވަރީ ކޮމިޓީގެ މަސައްކަތުން 226 މިލިއަން އަޅުގަނޑުމެން ރިކަވާކޮށްފިން މިއަދު“ އެޗްޑީސީގެ އެމްޑި ފަޒުލް ވިދާޅުވިއެވެ.
މީގެއިތުރުން ފަޒުލް ވިދާޅުވީ ފައިސާ ނުދައްކާ ހުރި ވިޔަފާރިތަަކަށް ނުވަތަ މީހުންނަށް ”ޑިމާންޑް ލެޓާ“ އެއް ފޮނުވަމުންދާ ކަމަށާއި އެ ނޯޓިސްއަށް އިޖާބަ ނުދޭ ވިޔަފާރިތަކުގެ މައްސަލަ ކޯޓު މަރުހަލާއަށް ގެންދާ ކަމަށެވެ.
އެހެންނަމަވެސް ފައިސާ ދައްކަން ބޭނުންވެއްޖެ ހާލަތެއްގައި އެޗްޑީސީން ފުރުސަތެއް ދޭނެ ކަމަށް ވެސް އެޗްޑީސީގެ އެމްޑީ ވިދާޅުވިއެވެ.



