މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ރާއްޖެ ޕްރޮމޯޓު ކުރުމަށް އިންޓަނޭޝަނަލް ލަގްޒަރީ ޓްރެވަލް މާކެޓް (އައިއެލްޓީއެމް)ގެ ފްލޭގްޝިޕް ޝޯ، އައިއެލްޓީއެމް ކާންސްގައި ބައިވެރިވެއްޖެއެވެ.
ފްރާންސްގައި ބާއްވާ މި ޝޯއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ލަގްޒަރީ ތްރެވެލް ފެއާއެވެ.
މިދިޔަ ހޯމަ ދުވަހު ފެށުނު މި ފެއާގެ ހަރަކާތްތައް މާދަމާގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އެމްއެމްޕީއާރްސީން މައުލޫމާތު ދީފައިވެއެވެ.
މިފަދަ ޝޯއެއްގައި ރާއްޖެއިން ބައިވެރިވުމުގެ މައިގަނޑު މަޤްސަދަކީ ދިވެހިރާއްޖޭގެ ލަގްޒަރީ ޕޮޒިޝަނިން ވަރުގަދަކޮށް، ސަނީ ސައިޑް އޮފް ލައިފްގައި ލިބެން ހުރި ހާއްސަ ތަޖުރިބާތައް ދައްކާލުން ކަމުގައި އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.
މީގެއިތުރުން އެމްއެމްޕީއާރްސީން ބުނީ ބައިނަލްއަޤްވާމީ މާކެޓްތަކުގެ ތެރެއިން ފްރާންސްގެ އިތުރުން އެހެން މާކެޓްތަކުގެ ލަގްޒަރީ ޓްރެވަލް ޓްރޭޑް މެންބަރުންނާ ބައްދަލުކުރުމަށް އަގުހުރި ފުރުސަތުތައް މި ހަރަކާތުގެ ސަބަބުން ލިބޭނެ ކަމަށެވެ. އަދި މި ހަރަކާތުގެ ސަބަބުން ވިޔަފާރީގެ ބައްދަލުވުންތަކާއި ތައުލީމީ ސެޝަންތަކާއި ނެޓްވޯކިން އިވެންޓްތައް ކުރިއަށް ގެންދިއުމަށް މުހިންމު ޕްލެޓްފޯމެކަށް ވާނެކަމަށް ވެސް އެމްއެމްޕީއާރްސީން ބުންޏެވެ.




