ޖަރާސީމުތަކާއި ދެކޮޅަށް ބޭނުންކުރާ އެކިބާވަތުގެ ބޭސްތައް ނަހަމަގޮތުގައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާޢަތުގައި ބޭނުންކުރެވޭނަމަ، އޭގެ ނުރައްކާ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް ކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވުނު ނޭޝަނަލް އެކްޝަން ޕްލޭން އޮން އެންޓިމައިކްރޯބިއަލް ރެސިސްޓެންސް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ބޭހަށް ނުގުޑާ ޖަރާސީމުގެ ނުރައްކާ އޮތީ ހަމައެކަނި ހޮސްޕިޓަލްތަކާއި ކްލިނިކްތަކާ ހިސާބަކަށް ނޫން ކަމަށެވެ. އަދި މި މައްސަލައިގެ ސަބަބުން އިންސާނުންގެ ކާބޯތަކެތީގެ ނިޒާމަށާއި، މަސްވެރިކަމަށާއި، ތިމާވެށްޓަށާއި، ދިރިއުޅުމުގެ ހުރިހާ ދާއިރާއަކަށްވެސް އަސަރުކުރާނެ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
މެޑަމް ސާޖިދާ އިތުރަށް ވިދާޅުވީ، ”ސިއްޙީ ނިޒާމުންދަނީ ބޭހަށް ނުގުޑާ ބަލިތަކާއި ދެކޮޅަށް މަސައްކަތްކުރަމުން. އެގޮތުން އެކުލަވާލަންޖެހޭ އުސޫލުތައް އެކުލަވާލާ ބޭސް ދޫކުރުމާއި، ޢާއްމުން ހޭލުންތެރިކުރުމުގެ މަސައްކަތްދަނީ ކުރަމުން. އެކަމަކު ސިއްޙީ ނިޒާމަށް އެކަނި އެކަން ކާމިޔާބެއް ނުކުރެވޭނެ.“ މި މައްސަލައާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ހެލްތާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، އިޖުތިމާޢީ އެހީތެރިންނާއި، ޕޮލިސީ އެކުލަވާލާ ފަރާތްތައް ހިމެނޭހެން ތަޖުރިބާކާރުންގެ އެހީތެރިކަން ބޭނުންވާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
މީގެއިތުރުން، ބޭހަށް ނުގުޑާ ޖަރާސީމުގެ ނުރައްކާ މަސްވެރިކަމަށާއި ދަނޑުވެރިކަމަށް ކުރުމަކީ ކާބޯތަކެތީގެ ރައްކާތެރިކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމަށްވެސް އަސަރު ކުރުވާނެ ކަމެއްކަމަށް މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ. އަދި މިއީ ރާއްޖޭގެ އިޤްތިޞާދަށްވެސް ނޭދެވޭ އަސަރުކުރުވާނެ ކަމެއްކަމަށް ވިދާޅުވިއެވެ. ރާއްޖެ ފަދަ ޤައުމަކަށް މިކަމުން އަރައިގަތުމަށް ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށްވެސް މެޑަމް ސާޖިދާ އިތުރަށް ފާހަގަކުރެއްވިއެވެ.




