ކެޔޮޅުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދިނުމަށް އަވަސް މަސައްކަތްތަކެއް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ބައްދަލުވުމުގައި ކެޔޮޅުން ވަނީ މަސްވެރިކަމުގެ ސިނާޢަތުގައި ރަނގަޅުކުރުމަށް ބޭނުންވާކަންކަން ޙިއްސާކޮށްފައެވެ. މަސްވެރިކަމުގެ ސިނާޢަތުގައި މިހާރު ހުރި ކަންބޮޑުވުންތަކުގެ މައްޗަށް އަލިއަޅުވާލައި ކެޔޮޅުން ވަނީ މަހުގެ އަގު ދަށްކަމާއި، ފައިސާއާއި ތެޔޮ ލިބުމުގައި ހުރި ދަތިތަކާއި، މަސްކިރުމުގައި ހުރި ގޮންޖެހުންތައް ފާހަގަކޮށްފައެވެ.
މަސްވެރިކަމުގެ ސިނާޢަތް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާއި މަސްވެރިކަމުގެ މާކެޓް އިތުރުކޮށް މަހުގެ ފެންވަރު ނުވަތަ ކޮލިޓީ ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މިބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވާއިރު، ކެޔޮޅުން ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތައް ކުރިއަށްގެންދިއުމަށް އެދިފައެވެ.
މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރައްވާނީ މަސްވެރިންނާ އަދި ކެޔޮޅުންނާ ގާތުން، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ޙައްލު ލިބޭނެގޮތަށް ކަމަށެވެ.
ހަމައެއާއިއެކު، މިއަދުގެ ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ކަންކަން، ވަރަށް ސީރިއަސް ގޮތެއްގައި ބައްލަވައި، އެކަންކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށާއި ކެޔޮޅުންނާއެކު ބައްދަލުވުންތައް ގިނަ ގިނައިން ބައްދަލުވުން ބޭއްވެވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގައިވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.




