ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ސިޔާސީ މަގާމުތަކުން މުވައްޒަފުން މަދުކުރުމަށްޓަކައި، ވަޒީފާއިން ވަކި ކުރި މުވައްޒަފުންގެ ނަމަކީ ޒާތީ މައުލޫމާތުތަކަކަށް ވާތީ އެ މައުލޫމާތު ހާމަ ނުކުރަން ނިންމައިފިއެވެ.
އެގޮތުން ސިޔާސީ މުވައްޒަފުން މަދުކުރުމަށްޓަކައި އެކި މިނިސްޓްރީތަކުން ވަނީ 248 މުވައްޒަފުން ވަކިކޮށްފައެވެ.
އިގްތިޞާދީ ރިފޯމްގެ އެޖެންޑާ ތެރެއިން 228 ސިޔާސީ މުވައްޒަފުން ވަކި ކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ނިންމެވީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުގައެވެ. އަދި އެ މުއްދަތު ހަމަވިއިރު 248 މުވައްޒަފުން ވަކިކޮށްފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ”އެކްސް“ މެދުވެރިކޮށް ހާމަ ކުރައްވާފައެވެ. ނަމަވެސް އެއީ ކޮން މިނިސްޓްރީތަކަކުން ކަމެއް އަދި ކޮންބައެއްކަން ހާމަ ކުރައްވާފައެއް ނުވެއެވެ.
އެހެންކަމުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެދަށުން، އެ މައުލޫމާތު ހޯދުމަށް އަމިއްލަ ފަރާތަކުން ވަނީ ސިޓީއެއް މެދުވެރިކޮށް އެދިފައެވެ.
ނަމަވެސް އެ ސިޓީގެ ޖަވާބުގައި ރައީސް އޮފީހުން މިއަދު ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ ނަމަކީ ޒާތީ މައުލޫމާތުތަކެއް ކަމަށާއި އެ މުވައްޒަފުން ވަޒީފާ އަދާކުރި މިނިސްޓްރީތައް ހާމަކޮށްފި ނަމަ އެ މީހުންގެ ޒާތީ މައުލޫމާތުތަކެއް ހާމަކުރެވިދާނެ ކަމަށެވެ.
އެހެންކަމުން އެ މުވައްޒަފުންގެ ނަމާއި މިނިސްޓްރީތަކުގެ ނަންތަކަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ދޫކުރެވޭނެ މައުލޫމާތެއް ނޫން ކަމުގައި ރައީސް އޮފީހުން ދެއްވި ޖަވާބުގައި ވިދާޅުވެފައިވެއެވެ.



