ހުޅުމާލޭގައި ބުޅާތަކަށް ހާއްސަކޮށްގެން ހެދި ފެސިލިޓީ ”އޮޅު ހިޔާ“ އަށް ހިނގި ހަރަދު ހޯދައި އެތަން ހިންގުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއާ ހަވާލުކުރުމަށް މާލެ ސިޓީ ކައުންސިލަށް އަންގަވައިފިއެވެ.
ދިރޭތަކެއްޗާބެހޭ ވުޒާރާއިން، މާލެސިޓީ ކައުންސިލާ ޙަވާލުކޮށްގެން ”އޮޅު ހިޔާ“ ތަރައްގީކޮށްފައިވީ ނަމަވެސް ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާގޮތަށް މާލެ ސިޓީ ކައުންސިލުން ކަންކަން ކުރިއަށް ނުގެންދާކަމަށް ވިދާޅުވެ، އެ ފެސިލިޓީ އަނބުރާ ވުޒާރާއާ ޙަވާލުކުރުމަށް އަންގާ މާލެ ސިޓީ ކައުންސިލަށް ވަނީ ސިޓީއެއް ފޮނުއްވާފައެވެ.
އޮޅުހިޔާ ތަރައްޤީކޮށް، ހިންގަންވެސް މާލެ ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވާއިރު، އެ ފެސިލިޓީ ހުޅުވާދެއްވީ މިދިޔަ މަހުގެ 2 ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
ދިރޭތަކެއްޗާބެހޭ ވުޒާރާއާއި މާލެ ސިޓި ކައުންސިޅާދެމެދު ވެފައިޥާ އެއްބަސްވުމުގެ ދަށުން އެ ފެސިލިޓީއަށް މާލޭގައި ”ވީއްލިގެން“ ނުވަތަ މަގުމަތީގައި އުޅޭ ބުޅާތައް ގެންދިއުމަށް ބަޔާންކޮށް އެކަމަށްޓަކައި ޢަމަލުކުރާނެ ޕްލޭނެއްވެސް ވަނީ އެކުލަވާލާފައެވެ. އެހެންނަމަވެސް އެ ޕްލޭނާ އެއްގޮތަށް، އެތަން އޮޕަރޭޝަނަށް ގެނައުމުގެ އަމަލީ މަސައްކަތް ސިޓީ ކައުންސިލުން މިހާތަނަށް ކޮށްފައިނުވާކަން ދިރޭތަކެއްޗާބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
އެގޮތުން، މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ ޒިންމާތައް އެންމެ ފުރިހަމައަށް އަދާނުކުރާތީކަމަށް ވިދާޅުވެ، ދިރޭތަކެއްޗާބެހޭ ވުޒާރާއިން ވަނީ މާލޭ ސިޓީ ކައުންސިލާ ބައްދަލުކުރައްވައި، މަސައްކަތްތައް ލަސްވަމުންދާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
އެއަށްފަހު ސިޓީ ކައުންސިލުން ވަނީ ބުޅާތައް ފެސިލިޓީއަށް ގެންދިޔުމުގެ މަސައްކަތް ފަށަން ނިންމާފައިވާކަން އިޢުލާންކުރައްވާފައެވެ.
މިކަމާ ގުޅިގެން ދިރޭތަކެއްޗާބެހޭ ވުޒާރާއިން ނެރުއްވި ބަޔާނުގައި ވިދާޅުވީ ”އޮޅުހިޔާ“އަށް ބުޅާތައް ގެންދިއުމުގައި ޢަމަލުކުރާނެ ގޮތުގެ އެސްއޯޕީތަކާއި ޕްލޭންތަކާއި ލަފާތައް އެ ވުޒާރާއިން މާލެ ސިޓީ ކައުންސިލާ ހިއްސާ ކޮށްފައިވީ ނަމަވެސް އެ ކަންކަމަށް މިހާތަނަށް އެއްވެސް ޚިޔާލެއް ލިބިފައި ނުވާ ކަމަށާއި އެސްއޯޕީތަކަށް ޢަމަލުނުކޮށް، އެ ފެސިލިޓީއަށް ބުޅާތައް މިވަގުތު ގެންދަން ފަށައިފިނަމަ ބުޅާތަކުގެ ޞިއްޙަތަށާއި ދުޅަހެޔޮކަމަށް ނުރަނގަޅު އަސަރުކުރުން އެކަށީގެންވާ ކަމަށެވެ.




