މި އަހަރުގެ ތެރޭގައި މުޅިން އަލަށް 100 ގެސްޓްހައުސް ހުޅުވައި ޚިދުމަތް ދޭން ފަށާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.
މިނިސްޓްރީން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި އަލަށް ހުޅުވުނު ގެސްޓްހައުސްތަކާއެކު އިތުރުވި އެނދުގެ އަދަދު 1،000 އަށް އަރާފައިވެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2023 ވަނަ އަހަރު ފެށުނުއިރު ރާއްޖޭގައި ޖުމްލަ 809 ގެސްޓްހައުސް ހުރިއިރު، އޭގެ ޖުމްލަ ބެޑް ކެޕޭސިޓީއަކީ 13،657 އެވެ. ނަމަވެސް، އަލަށް ހުޅުވުނު 100 ގެސްޓްހައުސްއާއެކު މިހާރު ޖުމްލަ ގެސްޓްހައުސްގެ އަދަދު 909 އަށް އަރާފައިވާއިރު، ބެޑް ކެޕޭސިޓީ 15،325 އަށް އިތުރުވެފައިވެއެވެ.
މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، މި އަހަރު އަލަށް ހުޅުވުނު 100 ގެސްޓްހައުސްއާއެކު ޖުމްލަ 1،214 އެނދު އިތުރުވެފައިވެއެވެ. މީގެ އިތުރުން، މުޅި ރާއްޖޭގެ ޓޫރިޒަމްގެ ޖުމްލަ ބެޑް ކެޕޭސިޓީއަކީ 62،864 ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. މިއީ 171 ރިސޯޓަކުން 42،539 އެނދާއި، 909 ގެސްޓްހައުސްއިން 15،325 އެނދާއި، 155 ސަފާރީއަކުން 3،044 އެނދާއި، އަދި 41 ހޮޓަލަކުން 1،956 އެނދުގެ ޖުމްލައެވެ.
ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ތެރެއިން ގެސްޓްހައުސް ވިޔަފާރިއަކީ އެންމެ ބޮޑަށް ފުޅާވަމުން އަންނަ ދާއިރާކަން ފާހަގަކޮށް އެމިނިސްޓްރީން ބުނީ ލޯކަލް ޓޫރިޒަމް ދުވަހެއް ދުވަހަކަށް ކުރިއަރަމުން އަންނަ ކަމަށްވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މި އަހަރުގެ ޓާގެޓަކީ 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ.




