އިސްލާހީ ފިޔަވަޅުތައް އެޅުމަށްޓަކައި އަލަށް އުފައްދާ، އިކޮނޮމިކް ރިފޯމް އޮފީހުގެ ކޮމިޝަނާ އޮފް ރިފޯމުގެ މަގާމަށް މީހަކު ހޯދަން އިއުލާނު ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި މި މަގާމަށް މީހަކު ހޯދަނީ ދައުލަތުގެ މާލީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، ދައުލަތުގެ އެކިއެކި ދާއިރާތައް ރިފޯމް ކުރުމާބެހޭ މަސައްކަތްތައް ހަލުވި ކުރުމަށްޓަކައެވެ.
މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާމްސް އޮފް ރިފަރެންސް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިއުކޮށްފައި ވާނެ ކަމަށާއި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، އީމެއިލް ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ”އެކްސްޕްރެޝަން އޮފް އިންޓަރެސްޓް“ އީމެއިލް މެދުވެރިކޮށް ފޮނުއްވަން ވެސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވެއެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގެ މާލީ ހާލަތު ގޯސްވުމުގެ ސަބަބުން ގިނަ ދާއިރާތައް ރިފޯމް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެމަސައްކަތުގެ ތެރެއިން ސަބްސިޑީ މުރާޖާކުރުމާއި، އާސަންދަ ރިފޯމްކުރުމުގެ އިތުރުން އެއް މަސައްކަތެއް ކުރާ މުއައްސަސާތައް އެއް ކުރަން ވަނީ ފަށާފައެވެ.



