ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އަލަށް ހަރުކުރާ 32 ލިފްޓަށް 278 މިލިއަން ރުފިޔާ (18 މިލިއަން ޑޮލަރު) ހަރަދުވާ ކަމަށް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތަށް އަންނަ އަހަރުގެ ބަޖެޓުގައި 200 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. ނަމަވެސް ފަހުން އެއަދަދު 100 މިލިއަން ރުފިޔާއަށް ވަނީ ކުޑަކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެޗްޑީސީގެ އެމްޑީ ފަޒުލް ވިދާޅުވީ ހިޔާގެ ހުރިހާ ޓަވަރުތަކެއްގައި އަލަށް ހަރުކުރާ 32 ލިފްޓު ގަނެފައި ވަނީ 18 މިލިއަން ޑޮލަރަށް ކަމަށެވެ.
އެގޮތުން ކޮންމެ ތަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރަން ނިންމާފައިވާއިރު އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވެސް ފަޒުލް ވިދާޅުވިއެވެ.
ހިޔާ ފްލެޓުގެ ބައެއް ތަވަރުތަކުގައި ހަތަރު ލިފްޓު މިހާރު ހުންނައިރު އަނެއްބައި ތަވަރުތަކުގައި ހުންނަނީ ތިން ލިފްޓެވެ. މުޅިއަކު 25 ފަންގިފިލާއަށް ހަދާފައި ހުރި އެ އިމާރާތްތަކުގައި ގިނަ އަދަދެއްގެ ރައްޔިތުން އުޅޭއިރު ހަތަރު ލިފްޓަކީވެސް މަދު އަދަދެއް ކަމަށާއި ލިފްޓަށް އަރައި ފައިބަން އިންތިހާއަށް ދަތިކަމުގެ ޝަކުވާތައް އެތަނުގައި ދިރިއުޅޭ ރައްޔިތުން އަބަދުވެސް ކުރެއެވެ.



