ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނުން އައު އިންވެސްޓްމަންޓް ފުރުސަތެއް ހުޅުވާލައި، ރިއަލް އެސްޓޭޓް އެންޑް ހޮސްޕިޓާލިޓީ ފަންޑު މިއަދު ލޯންޗުކޮށްފިއެވެ.
މި ފަންޑަކީ ރާއްޖޭގެ ކެޕިޓަލް މާކެޓް ރެގިއުލޭޓްކުރާ އިދާރާ، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ލައިސަންސް ދީފައިވާ އިންވެސްޓްމަންޓް ފަންޑެކެވެ.
ފަންޑު ލޯންޗުކުރުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން، ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންގެ ސީއީއޯ އަދި ކުރީގެ އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު ވިދާޅުވީ މިއީ ގިނަ ބަޔަކަށް އިންވެސްޓްކުރުމުގެ ފުރުސަތު ފަހިކޮށްދޭ ފަންޑެއް ކަމަށެވެ.
”މި ފަންޑުގައި އިންވެސްޓްކުރުމަކީ އިންވެސްޓަރުންނަށް ލިބިގެންދާނޭ ވަރަށް ރަނގަޅު ފުރުސަތެއް. 10،000 ރުފިޔާ އިންވެސްޓްކުރަން ބޭނުންފުޅުވާ ބޭފުޅުންނަށް ވެސް މި ފަންޑުގައި އިންވެސްޓްކުރެވޭނެ،“ އޭނާ ވިދާޅުވިއެވެ.
މި ފަންޑަކީ ރާއްޖޭގައި ރިއަލް އެސްޓޭޓާއި ހޮސްޕިޓާލިޓީ ދާއިރާއަށް ޚާއްޞަކޮށްގެން ތަޢާރަފުކުރެވުނު ފުރަތަމަ އިންވެސްޓްމަންޓް ފަންޑެވެ. ފަންޑު ފަރުމާކޮށްފައިވަނީ އިކުއިޓީގައި އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށާއި ޑެޓް އިންސްޓްރުމެންޓްސްތަކުގައި އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް ވެސް ފުރުސަތު ލިބޭ ގޮތަށެވެ.
އިކުއިޓީ އިންވެސްޓްމަންޓްގެ ގޮތުގައި ފަންޑުގެ ހިއްސާ ގަންނަ ފަރާތްތަކަށް އަހަރަކު 20 ޕަސެންޓްގެ ފައިދާއެއް ލިބޭނެ ކަމަށް ކުންފުނިން ލަފާކުރެއެވެ. މި ފައިދާ އަހަރަކު ހަތަރު ފަހަރު ބެހުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، ޑެޓް އިންވެސްޓްމަންޓްގެ ގޮތުގައި ފަންޑުގެ ބޮންޑު ހޯލްޑަރުންނަށް ހަ އަހަރުގެ މުއްދަތަށް އަހަރަކު 12 ޕަސެންޓްގެ ރިޓާނެއް ލިބޭނެއެވެ. މި ރިޓާން ވެސް އަހަރަކު ހަތަރު ފަހަރު އިންވެސްތަރުންނަށް ލިބޭނެ ކަމަށް ކުންފުނިން ބުނެފައިވެއެވެ.
މި ފަންޑުގެ އިތުރު މައުލޫމާތު އެސްޓޭޓް ފަންޑްގެ ވެބްސައިޓުން ލިބޭން ހުންނާނެ ކަމަށާއި ފަންޑަށް ސަބްސްކްރައިބް ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ވެސް ފަސްޓް ނޭޝަނަލްއިން ބުނެފައިވެއެވެ.




