ބޮލީވުޑްގެ ޚަބަތުތަކަށް ބަލާއިރު މިހާރު ގިނަ ބަޔަކު އެންމެ އިންތިޒާރު ކުރަމުން އަންނަ އެއް ފިލްމަކީ ސައުތު ފިލްމުތަކުން މީގެ ދެ އަހަރު ކުރިން އުފެއްދި ”ޕުޝްޕާ“ ފިލްމުގެ ދެވަނަ ފިލްމު ”ޕުޝްޕާ 2“ އަށެވެ.
މިފިލްމުގެ ޓެމިލް ވަރޝަން މިހާރު ރިލީޒް ކޮށްފައިވާއިރު ހިންދީ ވަރޝަން ވެސް ސިނަމާތަކުގައި ވަރަށް އަވަހަށް އަޅުވަން ހަމަޖެހިފައިވާކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކުން ބޮޑު މަގުބޫލުކަމެއް ލިބުނު ޕުޝްޕާ ފިލްމުގެ ދެވަނަ ފިލްމު ”ޕުޝްޕާ 2“ ގެ ސްކްރީނިންގް އިއްޔެ ހައިދަރްއާބާދުގައި ވަނީ އަޅުވާފައެވެ.
ހައިދަރްއާބާދުގެ ސަންދްޔާ ތިއޭޓަރުގައި އިއްޔެ މި ފިލްމު ސްކްރީން ކޮށްފައިވާއިރު، ފިލްމުގެ ލީޑް ރޯލު ކުޅުނު އައްލޫ އަރްޖުން ވެސް އެ ތިއޭޓަރަށް ދިޔައެވެ. އެހެންކަމުން އޭނާ ދެކުމަށް ތިއޭޓަރުގެ އެތެރެއިންނާއި ބޭރުގައި ވެސް ގިނަ އަދަދެއްގެ މީހުން އެއްވި ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.
ފިލްމު ސްކްރީންކޮށް ނިމުމުން އައްލޫ އަރްޖުންގެ ފަހަތުން ގިނަ ބަޔަކު ދުއްވައިގަތުމުގެ ސަބަބުން އެއްބަޔަކު ވެއްޓި އަނިޔާތަކެއް ލިބުނު ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އޭގެތެރޭގައި އުމުރުން 39 އަހަރުގެ ރިވާތީ ނަމަކަށް ކިޔައި އަންހެނަކާއި އޭނާގެ ފިރިހެން ދަރިފުޅު ވެސް ހިމެނެއެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި އައްލޫ އަރްޖުންގެ ފަހަތުން އެންމެން ދުއްވައިގަތުމުގެ ސަބަބުން ރިވާތީ އާއި އޭނާގެ ދަރިފުޅު ވެއްޓި އެމީހުންގެ ފައިދަށުވީއެވެ. އަދި އެތައް ބަޔަކު އެމީހުންގެ ގައިމަތިން ދިޔުމުގެ ސަބަބުން ބޮޑެތި ޒަހަމްތަކެއް އެމީހުންނަށް ވަނީ ލިބިފައެވެ.
އެވަގުތު އެތަނަށް ފުލުހުން ވެސް ދިޔަކަމަށާއި ރިވާތީ އާއި އޭނާގެ ދަރިފުޅަށް ސީޕީއާރް ދިނުމަށްފަހު ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. ނަމަވެސް ރިވާތީ ވަނީ ހޮސްޕިޓަލަށް ގެންދިޔުމުގެ ކުރިން މަރުވެފައި ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.



