މިއަދު ހަނގުރާމަތައްކޮށް ޤައުމުތައް ސުންނާފަތި ކުރުމުގައި ބޭނުން ހިފަނީ ހައިބްރިޑް ހަތިޔާރާއި އޭގެ އުކުޅުތައް ނުވަތަ ކައްޗަރީ ވިސްނުމާއި އޭގެ ހުނަރުތައް ކަމުގައި ވީ ހިނދު، މިއަދު އަޅުގަނޑުމެން އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހިފައި ވަނީ މިފަދަ ނުރައްކާތަކުން ދަފަރާވުމުގެ މައްޗަށް ކަމަށާއި، މި ހަނގުރާމައާ ކުރިމަތިލާން ބޭނުންވާ ފަންނިއްޔާތުގެ ހުނަރުތައް ދަސްކުރުމަށް އަދުގެ ޒުވާނުންނަށް، ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ގޮވާލައްވައިފިއެވެ.
މި އަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތުގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ރޭ އޮތް ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، މި ޒަމާނަށް އަޅުގަނޑުމެން ހޭލަންވާނީ ވަރުގަދަ ޢަޒުމަކާއި، ހިތްވަރާއެކު، ކަމުގެ ޢިލްމާއި ހުނަރާއި ފަންނުތައް ދަސްކޮށް، އެ ކަންކަމަށް ހޭލުންތެރިވެގެން ކަމަށާއި، 21 ވަނަ ޤަރުނުގެ ތަހުޒީބާއި ތަމައްދުންގެ އުކުޅުތަކާއި ގޮތްތައް ދަސްކުރުމަށް، އަދުގެ ކޮންމެ ބޭފުޅަކަށްވެސް އިލްތިމާސްކުރައްވާ ކަމަށެވެ.
ކައްޗަރީ ހަނގުރާމައިގެ ނުފޫޒުތައް ފެތުރުން ވަނީ ޤައުމެއްގެ އިޖުތިމާޢީ ބިނާރަށް ތާއަބަދަށް ދެވޭ ގެއްލުމަކަށް ކަމުގައި ސިފަކުރައްވަމުން، ނައިބު ރައީސް ހުސެއިން ލަތީފު އިތުރަށް ވިދާޅުވީ، އޭގެ ނަތީޖާއެއްގެ ގޮތުން އިޖުތިމާޢީ އެއްބައިވަންތަކަމާއި ޢިޤްތިޞާދީ ހަމަޖެހުމަށް ގެއްލުންވެ، އެތައް ޒަމާނަކަށް ދޮގު މައުލޫމާތު ފެތުރިގެންދާކަމަށެވެ. އަދި މިފަދަ ތޫނު ޚަންޖަރުތަކުން ދެވޭ ޒަޚަމްތަކަކީ ޤައުމު ބައިބައިވެ، ޤައުމީވަންތަކަން ބަލިކަށިވެ، ރައްޔިތުންގެ މެދުގައި ޤައުމީ މަސްލަހަތާ މެދު އޮންނަ އިތުބާރު ފުނޑުފުނޑުވެ، ދާއިމަށް ދެމިގެން ހިނގައިދާނެ ފަދަ ބިރުވެރި ކަމަކަށް ކަމުގައިވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
އަދުގެ ޒުވާން ޖީލަކީ މާދަމާއަށް ނަމޫނާ ޖީލަކަށް ވާންޖެހޭ ބައެއް ކަމަށާއި، އެ ނަމޫނާ ދެއްކޭނީ ދޮންބަންޑާރައިން ފަދަ އިއްޔެގެ މާޒީގެ ބަޠަލުންނަށް އަދާކުރާން ޖެހޭ ޝުކުރު، ޙަޤީޤީ މާނައިގައި އަދާކޮށްގެން ކަމުގައި ވީ ހިނދު، ޒުވާނުންނަކީ ފަންނީ ގޮތުން ހުނަރުވެރި ބަޔަކަށް ހެދުމަށްޓަކައި އަދުގެ ސަރުކާރުން ކުރައްވާ މުހިންމު މަސައްކަތްޕުޅުތަކުގައި ޢަމަލާއި ބަހުން ޝާމިލްވެ، ޤައުމީތަރައްޤީއަށް ބޭނުންވާ ލަނޑުދަނޑިތައް ޙާޞިލު ކުރުމަށް އެ މަނިކުފާނު ގޮވާލެއްވިއެވެ.


