ގަލޮޅު ސަރަހާގައި ކުރަން ނިންމާފައިވާ މަސައްކަތަކާ ގުޅިގެން އެތަނުގައި ހުރި ބައެއް ގަބުރުތައް ނަގަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
އެގޮތުން އެ ކައުންސިލުން އިއްޔެ ގެޒެޓު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ގަލޮޅު ސަހަރާގައި ކުރަމުން އަންނަ މަސައްކަތްތަކާ ގުޅިގެން އެ ސަހަރާގެ ހުޅަނގު އުތުރު ފަރާތާއި އިރު ދެކުނު ފަރާތުގައި ހުރި މިނި ކަށިތައް ނަގަން ބޭނުންވާތީ އެ ތަންތަނުގައި ހުރި މަހާނަ ގާތައް ނަގަން ބޭނުންވާ ކަމަށާއި އެ ސަރަހައްދުތަކުގައި ހުރި މަހާނަ ގާތައް ޖަހާފައިވާ މީހުން، އެ ގާތައް ނަގައިގެން ގެންދަން ބޭނުންވާ ނަމަ ސިޓީ ކައުންސިލާ ގުޅިގެން މި މަހުގެ 15 ގެ ކުރިން އެ މަސައްކަތް ކުރުމަށެވެ.
މާލޭ ސިޓީ ކައުންސިލުން ބުނެފައިވާ މުއްދަތުގެ ތެރޭގައި މަހާނަ ގާތައް ނުނަގައިފިނަމަ އެ ކައުންސިލުގެ ފަރާތުން އެތަކެތި ނަގުމަށްފަހު ނައްތާލާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.
މާލޭގައި ހުރި އެހެން ސަހަރާތަކާ އަޅާ ބަލާއިރު، ގަލޮޅު ސަހަރާގައި މީހުން ވަޅުލާފައި ވަނީ ވަރަށް މަދުންނެވެ. ނަމަވެސް އެ ސަހަރާގެ ޖާގަ ވަނީ ވަރަށް ކުރިން ފެށިގެން ފުރިފައިކަން ވެސް ފާހަގަވެއެވެ.



