ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް، އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މުނޫ މަހާވަރު، ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލު ކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ގުޅުން ކުރިއެރުވުމަށް އިންޑިއާ ސަފީރު ދެއްވާފައިވާ އެހީތެރިކަމަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި އިންޑިއާ ސަފީރުގެ، ސަފީރުކަމުގެ ދައުރަކީ ފަހަކަށްއައިސް ދިވެހިރާއްޖެއާއި އިންޑިއާގެ އެކުވެރިކަމާއި ދެ ޤައުމުގެ ގުޅުން އާރޯވެގެންދިޔަ، މުހިންމު މަރުޙަލާއެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި އިންޑިއާ ސަފީރު ވަނީ، ދިވެހިރާއްޖޭގެ ތަރައްޤީއަށް އިންޑިއާގެ އެހީތެރިކަން އަބަދުވެސް ލިބެމުންދާނެކަމުގެ ޔަޤީންކަންދެއްވައި، ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި، ރައީސް މުޢިއްޒު ދައްކަވާ ލީޑަރޝިޕާއި، އެކުގައި މަސައްކަތްކުރެއްވުމުގެ ރޫޙު އިސްކުރައްވާކަން ފާހަގަކުރައްވާފައެވެ. އަދި މިކަމަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކޮށްދޭ ކަމެއް ކަމުގައިވެސް އިންޑިއާގެ ސަފީރު ވިދާޅުވެފައިވެއެވެ.
ރައީސް މުޢިއްޒުއާއި އިންޑިއާ ސަފީރު ވަނީ، އޮކްޓޯބަރު މަހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އެކުލަވާލެވުނު ”އަ ވިޜަން ފޯ އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނަރޝިޕް“ ކަރުދާހުގެ މައްޗަށް އަލިއަޅުއްވާލައްވައި، މީގެ ސަބަބުން ރާއްޖޭގެ ތަރައްޤީގައި އިންޑިއާއިން ހިއްސާވާ މިންވަރު އިތުރަށް ފުޅާކުރުމުގެ މަގު ކަނޑައެޅުނުކަން ފާހަގަކުރައްވާފައެވެ. މިގޮތުން، ދިވެހިރާއްޖޭގައި އިޤްތިޞާދީ އިޞްލާޙުތައް ގެނައުމަށާއި، އިޖުތިމާޢީ ރައްކާތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިންޑިއާއިން ދެއްވާ އެހީތެރިކަމާއެކު ލިބެމުންދާ ކުރިއެރުންތައްވެސް ދެބޭދުޅުން ވަނީ ފާހަގަކުރައްވާފައެވެ.
މިބައްދަލުވުމުގައި އެމަނިކުފާނާއި އިންޑިއާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ގުޅުން މިހާރު ކުރިއަށްދާ ގޮތުގައި ދެމިއޮންނާނެކަމާއި، އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫޢުތައް ވަގުތަށް ނިންމޭނެކަމުގެ ޔަޤީންކަން ފާޅުކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި އެކުގައި މަސައްކަތްކުރެވޭނެ ދާއިރާތަކާމެދުވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.



