ރާއްޖޭގައި ދުންފަތް ކޮންޓްރޯލު ކުރުމުގެ ގޮތުން ފަސް އަހަރުގެ މާސްޓާ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
ދުންފަތާ ދުރުވުމަށާއި ދުންފަތުން އެންމެން ރައްކާތެރި ކުރުމަށް، ރޭވުންތެރިކަމާއި ނަތީޖާ ލިބޭނެ އަދި ދެމެހެއްޓެނިވި ގޮތަށް ކުރިއަށް ގެންދިއުމަށް މި ޕްލޭން އެކުލަވާލުމަށް ނިންމެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ.
މި ޕްލޭނާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާއާއި ގުޅިގެން، ފަސް އަހަރުގެ މާސްޓާ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި މިކަމުގައި ކަމާބެހޭ އިދާރާތަކުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށެވެ.
ސަރުކާރުގެ މި މަސައްކަތުގައި މުޖުތަމައުގެ ބައިވެރިވުން އިތުރު ކުރުމަށްޓަކައި ކައުންސިލްތަކުން އިސްނަގައިގެން ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި ހިންގާ ދުންފަތް ކޮންޓްރޯލްކުރުމުގެ މަސައްކަތަށް ސަރުކާރުން ނިޒާމުގެ ތެރެއިން އެހީވަމުން ގެންދާނެ ކަމަށް ވެސް ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.
”އެންމެ ރަނގަޅު މަސައްކަތެއް ކުރާ ކައުންސިލްތަކަށް އެ އިދާރާއިން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް، ސަރުކާރުން ޚާއްސަ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމު މި ޕްލޭން އެކުލެވިގެންދާއިރު ފަހިކޮށްދޭނެ“ މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.
މީގެއިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވުމަށް އިތުރަށް ހިތްވަރު ދިނުމުގެ ގޮތުން ދުންފަތުގެ އިސްތިޢުމާލުނުކުރާ ރަށްރަށް ފާހަގަކުރުމަށް އިނާމެއް ތަޢާރުފުކުރުމާއި، އެ އިނާމު ލިބޭ ރަށެއްގެ އިޖްތިމާޢީ ކަންކަމަށް މާލީ އެހީތެރިކަން ދިނުން ފަދަ ކަންކަން ވެސް ސަރުކާރު އެކުލަވާލާ މި މާސްޓާ ޕްލޭންގައި ހިމަނާފައިވެއެވެ.
އަދި ދުންފަތާ ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ފަރުވާ، ކޮންމެ ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒަކުން ހިލޭ ފޯރުކޮށްދިނުން މި ޕްލޭނުގައި ހިމެނުމަށްވެސް ރައީސް މުޢިއްޒު ނިންމަވާފައިވެއެވެ.


