ހުޅުމާލޭ ދެވަނަ ފިޔަވަހީ ހިތިގަސްމަގުން ބިދޭސީއަކަށް ވަޅިން ހަމަލާދީ މާރާމާރީ ހިންގައި، އެމީހާގެ ފޯނު ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު ކަމަށެވެ.
މިހާދިސާގައި އަނިޔާވި ބިދޭސީ މީހާ ހިޔާ ޓަވަރުގެ އެޗް16 ކްލިނިކުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.
މިމައްސަލައާ ގުޅިގެން، ވަޅިން ހަމަލާދީ، ފޭރުނު މީހާ ހޯދުމަށް ސީސީޓީވީ ފުޓޭޖް ބަލައި، އެއީ ކާކުކަން ދެނެގަނެ އިއްޔެގެ ވަގުތެއްގައި އެމީހާ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ. އެގޮތުން މިމައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ހއ. މާރަންދޫ އުތުރުގޭ / އިބްރާހިމް މުޙައްމަދު (40އ.) އެވެ.
މިމައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް މިއަދު ހާޒިރު ކުރުމުން ތަހުގީގު މަރުހަލާ ނިމެންދެން ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މިމައްސަލައާ ގުޅިގެން އިތުރު މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމުގައި ވެސް އޮފިޝަލު ވިދާޅުވެފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




