ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ފުރަމަނާ ދަތުރުފުޅުން ރާއްޖެއާއި ޗައިނާގެ ގުޅުމަށް އިތުރު ބަދަހިކަމެއް އައިސްފައިވާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލިޝިން ވިދާޅުވެއްޖެއެވެ.
ސަފީރު ވަން ލިޝިން މީސްމީޑިއާގައި ހިއްސާ ކުރެއްވި ވަދާޢީ މެސެޖުގައި ވިދާޅުވީ ދެ ޤައުމުގެ ގުޅުން މިހާރު އައު ހަރުފަތަކަށް ގޮސްފައިާ ކަމަށާއި ދެ ޤައުމުގެ ވެރިންގެ އިރުޝާދާއެކު މި ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މިގޮތުން، ވިލިމާލޭގައި ތަރައްޤީކުރާ 100 އެނދުގެ ހޮސްޕިޓަލުގެ މަޝްރޫޢު އަދި މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ހަލުވި ދުވެލީގައި ކުރިއަށްދާނެ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. އަދި ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއިން ކުރެވޭ މަސައްކަތްތައްވެސް ފާހަގަކުރެއްވިއެވެ.
ކުރިމަގުގައިވެސް ދެގައުމުގެ ގުޅުން އުޖާލާވެގެންދާނެ ކަމަށް ޔަޤީންކުރައްވާ ކަމަށް ސަފީރު ހިއްސާ ކުރެއްވި މެސެޖުގައި ވިދާޅުވެފައިވެއެވެ.
ސަފީރުގެ މެސެޖުގައި، 2022 ވަނަ އަހަރު ޗައިނާއާއި ރާއްޖޭގެ ގުޅުމަށް 50 އަހަރު ފުރުނު ކަން ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ. އަދި މިއަހަރަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް 10 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި، އެ ދަތުރުފުޅުގެ ތެރެއިން ސިނަމާލެ ބްރިޖުގެ މަސައްކަތާއި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުނު ކަމަށް ވިދާޅުވިއެވެ.
ނިމިގެންދިޔަ ސަފީރުކަމުގެ ދައުރުގައި ރާއްޖެއިން ލިބުނު އެއްބާރުލުމަށް ސަފީރު ވަން ލިޝިން ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ޗައިނާއާއި ރާއްޖޭގެ ގުޅުމުގެ ކުރިމަގު އޮތީ ވަރަށް އުޖާލާކޮށް ކަމަށް ވިދާޅުވެފައިވެއެވެ.




