ކެފޭތަކާއި ރެސްޓޯރަންޓު ފަދަ ތަންތަނުގެ މަނާ ހިސާބުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ، އެތަނެއްގެ ހުއްދަ ބާތިލްކުރުމުގެ ބާރު ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުން ލިބިފައި އޮތް ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފިއެވެ.
ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވީ، ތަންފީޒީ ކަންތައްތަކަކީ އަބަދުވެސް އެންމެ ރަނގަޅަށް ނުވާ ކަންކަން ކަމަށާއި މިހާރު ހުށަހަޅާފައި އޮތް ގާނޫނުގައި އިތުރު ބާރުތަކެއް ލިބޭތީ، އެކަންކަމަށް ހައްލު ހޯދާނެ ކަމަށެވެ.
ހަސަން މުހައްމަދު އިތުރަށް ވިދާޅުވީ، ކެފޭތައް ހިންގާ ފަރާތްތަކާއި އެވަގުތު އެތަނެއް ހިންގާ ފަރާތެއް މެނޭޖުކުރާ ފަރާތް ވެސް ޒިންމާ ކުރެވޭ ގޮތަށް ގާނޫނަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
މިހާރު އޮތް ގާނޫނުގައި ބުބުނެފައިވާ ގޮތުން، މަނާ ސަރަހައްދެއްގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ 500 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. ނަމަވެސް، އެ ގާނޫނު ތަންފީޒު ނުކުރެވޭ މައްސަލަ އޮތީ ބޮޑުވެފައެވެ.
މިފަހުން ސަރުކާރުން ވަނީ ދުންފަތް ކޮންޓްރޯލުކުރުމާ ބެހޭ ގާނޫނަށާއި އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ވެސް އިސްލާހުތަކެއް ގެނެސްފައެވެ. އެއާއެކު ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީ ގާތްގަނޑަކަށް ތިން ގުނަ ވަނީ ބޮޑުވެފައެވެ.
މީގެއިތުރުން، މިދިޔަ މަހުގެ 15 އިން ފެށިގެން އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތައް ރާއްޖެ އެތެރެކުރުން ވެސް ވަނީ މަނާކޮށްފައެވެ. މި މަހުގެ 15 އިން ފެށިގެން އެ ތަކެތި ބޭނުންކުރުމާއި ވިއްކުމާއި ހިލޭ ބެހުން ވެސް މުޅިން މަނާވާނެއެވެ.
ހެލްތު މިނިސްޓްރީން މި ފަހުން ބުނެފައިވާ ގޮތުގައި، ދުންފަތުގެ ވިޔަފާރި ރާއްޖޭގައި ކުރާ މީހުންނަށް ސަރުކާރުގެ ކަމާބެހޭ އިދާރާއިން ދޫކުރާ ވިޔަފާރިކުރުމުގެ ހުއްދައިގެ އިތުރުން މިނިސްޓްރީން ދޫކުރާ ސައްހަ ލައިސެންސެއް އޮންނަންވާނެއެވެ.



