މާލޭގެ އެއްގަމު ތޮށި މަރާމާތުކުރުމުގެ ޑިޒައިން މަސައްކަތް ކުރުމަށްޓަކައި ކޮންސަލްޓަންޓަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި މަޝްރޫޢަކީ ”ޑިޒާސްޓާ ރެޒިލިއަންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް“ ގެ ނަމުގައި ކުރިއަށްދާ މަޝްރޫޢެކެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ޕްރޮޖެކްޓުގެ ތަފްސީލީ ޑިޒައިން ކުރުމަށްޓަކައި ކޮންސަލްޓެންސީ އެއްބަސްވުމެއްގައި އިއްޔެ ވަނީ ސޮއިކުރެވުނެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ތައާމް މުހައްމަދެވެ. އަދި ކޮންސަލްޓެންޓް ޓީމުގެ ފަރާތުން ސޮއިކުރެއްވީ ޗީފް ކޮންސަލްޓެންޓް ހިރޯމީ ނަމިކީއެވެ.
މި މަޝްރޫޢަކީ ޖަޕާން ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ހިލޭ އެހީގެ ގޮތުގައި ޖަޕާން ސަރުކާރުން 20 މިލިއަން ޖަޕަނީސް ޔެން (ގާތްގަނޑަކަށް 140,000 އެމެރިކާ ޑޮލަރު) ދިނުމަށް ވަނީ ނިންމާފައެވެ.
މާލޭގެ އެއްގަމު ތޮށްޓަކީ 1987 ވަނަ އަހަރު މާލެއަށް ބޮޑު ރާޅު އެރުމާ ގުޅިގެން ލިބުނު ގެއްލުންތަކަށްފަހު، 1990 ވަނަ އަހަރު ޖަަހަރު ޖަޕާން ސަރުކާރުގެ އެހީގައި ލެވުނު ތޮށްޓެކެވެ. މިހާރު މި ތޮށި ލެވިތާ 37 އަހަރު ވެފައިވާއިރު، އަލުން މަރާމާތުކުރުމަށް ޖަޕާނުން އެހީތެރިކަން ފޯރުކޮށްދެއެވެ.
މީގެ އިތުރުން، 2022 ވަނަ އަހަރު ޕްލޭނިންގ މިނިސްޓްރީން ވަނީ މާލޭގެ އެއްގަމު ތޮށި އަޕްގްރޭޑްކުރުމަށް ސާވޭތަކެއް ކުރުމަށް ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން މާލޭގެ އެއްގަމު ތޮށްޓާއި ފެން ހިންދާ ނިޒާމު އަޕްގްރޭޑްކުރުމަށް ބޭނުންވާ ސާވޭތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ ސަބަބުން މާލޭގެ އެއްގަމު ތޮށި އިތުރަށް ވަރުގަދަވެ، ކުރިމަގުގައި ދިމާވެދާނެ ޤުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.




