ފެނަކަ ކޯޕަރޭޝަނަށް ބޭނުންވާ މާލީ ލުއިތައް ލިބިއްޖެނަމަ، 2027 ވަނަ އަހަރާ ހަމައަށް ކުންފުނީގެ ހުރިހާ ދަރަންޏެއް ދައްކައި ނިންމާލެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
ޕީއެސްއެމްއިން ގެނެސްދޭ ’ރާއްޖެ މިއަދު‘ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވީ، ކުރީ ސަރުކާރުން ކުންފުންޏަށް ނުކަތާވަރަށް މުވައްޒަފުން ނަގައި، ބޮޑު އިންޓްރެސްޓެއްގައި ލޯނުތައް ނެގުމާއި ނުދައްކާހުރި ތެޔޮ ބިލުތަކުގެ ސަބަބުން ކޮންމެ މަހަކު ކުންފުނިން އެފައިސާ ދެއްކުމަށް ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށެވެ.
އެގޮތުން ކުންފުންޏަށް މަހަކު ޖުމްލަ 213 މިލިޔަނެއްހާ ރުފިޔާ ލިބޭއިރު އިތުރަށް 85 މިލިޔަން ރުފިޔާ ޚަރަދުކުރަންޖެހިފައިވާ ކަމަށް މުޢާޒް ވިދާޅުވިއެވެ.
ފެނަކައަށް ދިމާވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް ގެނެވިދާނެ ހައްލުތަކެއް އެބަހުރި ކަމަށާއި ނަމަވެސް އެކަން ކުންފުންޏަށް ލިބޭ އާމްދަނީންއެކަނި ނުކުރެވޭނެ ކަމަށް މުޢާޒް ފާހަގަކުރެއްވިއެވެ. އެގޮތުން، ނަރުދަމާއަކީ ރައްޔިތުންނަށް ހިލޭ ފޯރުކޮށްދޭ ޚިދުމަތަކަށްވީ ނަމަވެސް ބޮޑެތި ޚަރަދުތަކެއް ކޮންމެ މަހަކުވެސް ކުރަންޖެހޭއިރު، އެކަމަށް އެކަށީގެންވާ ސަބްސިޑީއެއް ލިބެންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކުރީ ސަރުކާރުން އެމްއައިބީން ނަގާފައިވާ 400 މިލިޔަން ރުފިޔާގެ ދެ ލޯނު ރިސްޓްރަކްޗަރ ކުރުމުގައި މާލީ ވުޒާރާގެ އެހީތެރިކަން ބޭނުންވާކަމަށްވެސް މުޢާޒް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ކުންފުނިތަކާއި އިދާރާތަކުން ދައްކަންޖެހޭ ފައިސާ މަހުން މަހަށް ލިބޭގޮތް ހެދުމަކީވެސް މުހިންމު ކަމެއްކަމަށް ފާހަގަކުރެއްވިއެވެ.
މި ހައްލުތަކާއެކު 2027 ވަނަ އަހަރާ ހަމައަށް ފެނަކައިގެ ދަރަނި ދައްކައި ނިންމާލެވޭނެ ކަމަށް މުޢާޒް ވިދާޅުވިއެވެ.
ފެނަކަ ކުންފުނީގެ އައު މެނޭޖްމަންޓުން އެކުންފުންޏާ ހަވާލުވިއިރު ފެނަކައިގެ ދަރަނި 4.3 ބިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށް އެ ކުންފުނިން މަޢުލޫމާތު ބުނެފައިވެއެވެ. މީގެ ސަބަބުން ކުންފުނިން ކުރަންޖެހޭ ޚަރަދުތައް އިތުރުވެ ކުންފުނީގެ މާލީހާލަތު ވަނީ ވަރަށް ބޮޑަށް ދަށްވެފައިވާއިރު، އެކުންފުނިން އަންނަނީ މިކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.




