”90 ޕްލަސް ގޯލްޑް ކަޕް 2024“ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭ ގައި ހއ. ދިއްދޫ އާއި ދ. މީދޫ ބައްދަލުކުރި މެޗް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިރޭ ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި މި މެޗް ކުޅެފައިވާއިރު މިމެޗުގައި ދެ ޓީމު ވަނީ 2-2 އިން އެއްވަރުވެފައެވެ.
މެޗަށްފަހު ”މޭން އޮފް ދަ މެޗް“ އަށް ހޮވުނު ކުޅުންތެރިޔާއަށް ޓްރޮފީ ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.
”90 ޕްލަސް ގޯލްޑް ކަޕް 2024“ އަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އަމިއްލަ ފަރާތަކުން އިންތިޒާމުކޮށްގެން ބާއްވާ ފުޓްބޯޅަ މުބާރާތެކެވެ. މި މުބާރާތް ފެށުނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. މުބާރާތުގައި ޖުމްލަ 17 ޓީމަކުން ވާދަކުރަމުންދާކަން ފާހަގަކުރެވެއެވެ.




