އާސަންދައިގެ ދަށުން ލިބޭ އެއްވެސް ބޭހެއް ކަވަރުކުރުން ހުއްޓާނުލާކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.
އާސަންދައިން މިހެން ބުނެފައިވަނީ ކުރިން އާސަންދައިގެ ދަށުން ލިބެމުންދިޔަ ބައެއް ބޭސްތައް މިހާރު ނުލިބޭކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެންނެވެ.
އާސަންދަ ކުންފުނިން ބުނެފައިވާ ގޮތުގައި، އާސަންދަ ސްކީމުގެ ދަށުން ދެމުންދިޔަ އެއްވެސް ބޭހެއް ދިނުން ހުއްޓާލާފައި ނުވާއިރު ކުރިއެކޭ އެއްގޮތަށް މިހާރުވެސް ބޭހަށް ކަވަރޭޖް ލިބޭނެއެވެ.
މީގެއިތުރުން، އާސަންދަ ސްކީމްގެ ދަށުން ކަވަރކުރާ ބޭސްތަކުގެ މަޢުލޫމާތު އާސަންދަ ވެބްސައިޓުން ބަލާލެވޭނެކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.
ބަލްކް ޕްރޮކިއުމަންޓް އުސޫލުން ބޭސް ރާއްޖެއަށް ގެނެސް، އާސަންދަ ލިސްޓުގައި ހިމަނައިގެން، މިއަހަރުގެ ތެރޭގައި ދައުރުކުރާ ބޭސްތަކުން އިތުރު އަގެއް ނުނަގާނެ ކަމަށާއި އާސަންދަ ސްކީމުގެ ދަށުން ކަވަރނުކުރާ ޚިދުމަތަކާއި ގުޅިގެން ދޭ ބޭހެއްނަމަ ކަވަރ ނުކުރާނެކަން އެނގޭނެހެން ބޭސް ސިޓީގައި ”ނޮޓް ކަވަރޑް“ ލިޔެފައި އޮންނާނެ ކަމަށް ވެސް އާސަންދައިން ބުނެފައިވެއެވެ.
އާސަންދައިގެ ދަށުން ލިބޭ ބޭހެއް، ސްކީމުގެ ދަށުން ޚިދުމަތްދޭ ބޭސް ފިހާރައަކުން ގަންނަން ޖެހިއްޖެނަމަ އެކަން ”ޝިކާވަތި“ ޗެޓްލައިން މެދުވެރިކޮށް ރިޕޯޓުކުރުމަށް އާސަންދައިން ވަނީ އިލްތިމާސްކުރައްވާފައެވެ.
އާސަންދައިން ދެމުންދާ ޚިދުމަތްތައް ހަރުދަނާކޮށް، ޚިދުމަތުގެ އަގު ދެކޮޅުޖެހޭނެ ނިޒާމަކަށް ހެދުމަށް ބޮޑެތި ބަދަލުތަކެއް އާސަންދަ ނިޒާމަށް ގެނައުމަށްވަނީ ނިންމާފައެވެ.
މިގޮތުން މިދިޔަ މަހުގެ ތެރޭގައި އާސަންދަ މެދުވެރިކޮށް ވިއްކަމުންދާ އެންމެ އަގު ބޮޑު 250 ބޭހުގެ އަގުތަކަށްވަނީ ބަދަލުތަކެއް ގެނެސްފައެވެ. އަދި ނިޒާމުގައި ހުރި އިސްރާފުތައް ކުޑަކުރުމަށްވެސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުންދަނީ މަސައްކަތްކުރަމުންނެވެ.



