ރީތި މިސްކިތްތަކެއް ބިނާކުރެވުނަސް އެ މިސްކިތްތަކުގެ ފަޅުފިލުވަން އަރާނެ ބަޔަކު ނުވާ ނަމަ އެއީ ބިރުގަންނަން ޖެހޭނެ ކަމެއް ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
މިއަދުގައި ޚުތުބާގައި ނަމާދު ކުރުމުގެ މުޙިންމުކަމުގެ މައްޗަށް އަލިއަޅުވާލައި ބުނީ ނަމާދަކީ އިސްލާމް ދީނުގެ ތަނބު ކަމަށެވެ. މިއީ ކޮންމެ މުކައްލަފަކު ކުރުން ވާޖިބުވެގެންވާ އަޅުކަމެއް ކަމަށާއި ރަށުގައި ޤާއިމުވެހުރި މީހާއާއި ދަތުރެއްގެމަތީގައިވާ މީހާއާއި ބަލި ތަންމަތީގައި އޮންނަ މީހާ ވެސް ނަމާދު ކުރަން އަންގަވާފައިވާކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ފާހަގަކޮށްފައިވާ ގޮތުގައި ނަމާދުގެ އަޅުކަން ނުކުރެވޭނެ ހަމައެކަނި ޙާލަތަކީ އެމީހެއްގެ ބުއްދި ފިލައިދިއުމެވެ. އެހެންކަމުން މި މަތިވެރި އަޅުކަމަށް ވަގުތު ހުސްކުރަން ޖެހެނީ، ދުނިޔެވީ ގޮތުން ކުރާން ހުރި، ހުރިހައި ކަމެއް ނިމުމުން، ކުރާ ކަމެއްކަމުގައި އެއްވެސް ޙާލެއްގައި ދެކިގެންނުވާނެ ކަމަށް ޚިތުބާގައި ބުނެފައިވެއެވެ.
އިންސާނާގެ ޢަމަލުތަކުގެ ތެރެއިން ޤިޔާމަތްދުވަހު އެންމެ ފުރަތަމަ ސުވާލުކުރެއްވޭނީ ނަމާދާ މެދުގައިކަން ހާމަކޮށް ޚުތުބާގައި ބުނީ މުސްލިމެއްގެ ހައިސިއްޔަތުން އެންމެ ބޮޑަށް އިސްކަން ދޭންޖެހޭނީ ނަމާދަށް ކަމަށެވެ. އެހެންނަމަވެސް މިއަދު ގިނަ މީހުން ދުނިޔެވީ ކަންކަމުގައި މަޝްޣޫލުވެ ނަމާދާ މެދު ޣާފިލުވެތިބޭ ތަން ފެންނަ ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
ކީރިތި ރަސޫލާ ﷺ ވަނީ ނަމާދު ކުރާން ވަރަށް ބޮޑަށް ބާރު އަޅުއްވައިފައިވާ ކަމުގެ މައްޗަށް އަލިއަޅުވާލައި ޚުތުބާގައި ބުނީ މަސައްކަތުގައި އަވަދިނެތި އުޅުމަކީ ތިމާ ނަމާދުތަކަށް ފަރުވާކުޑަކުރާން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އެގޮތުން ދިރިއުޅުމުގެ ބޭނުން ފުއްދުމަށް ޓަކައި ކޮންމެ ފަދަ މަސައްކަތެއް ކުރިކަމުގައި ވިއަސް ނަމާދު ވަގުތު ޖެހުމުން އެ ނަމާދުކުރާން އަވަސްވެގަންނާން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މީގެއިތުރުން، ބައެއް ބާވަތުގެ މަސައްކަތުގައި އުޅޭންޖެހޭ ގޮތުގެ ސަބަބުން މިސްކިތަށް ޖަމާޢަތަށް ހާޒިރުވުމަށް ދަތިތަކެއް ހުންނަ ހާލަތްތަކުގައި އެ ފަދަ މީހުންނަށް އޮތީ އެ ތިބި ތަނެއްގައި ތިބެ ނަމާދު ކުރުން ކަމަށާއި މިސްކިތު ޖަމާޢަތަށް ހާޒިރު ނުވެވުމަކީ ނަމާދު އެޅުމަށް އޮތް އުޒުރެއް ނޫން ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.
ފަރުޟު ފަސްނަމާދު އޭގެ ވަގުތުގައި އަދާކުރުމަކީ ތިމާގެ ޢަމަލުތައް ސީދާވެ ކުރާ މަސައްކަތުގައި ބަރަކާތް ލައްވާނެ ކަމެއް ކަމަށާއި ދީނުގައި އަންގަވައިފައިވާ ގޮތުގެ މަތީން، ނަމާދުތައް އޭގެ ޝަރުޠުތަކާއި ރުކުންތަކާއި ވާޖިބުތަކާއި މުސްތަޙައްބު ކަންތައް ފުރިހަމަކޮށްފި މީހާއަށް ލިބޭ ފައިދާތަކުގެ ތެރޭގައި ފާޙިޝްކަންތައްތަކާއި މުންކަރާތްތަކުން ދުރުހެލިކޮށްދިނުމާއި، ވަގުތަށް ކަމޭހިތުމާއި، އަމުރަށް ކިޔަމަންވުމާއި، الله އަށް ބިރުވެތިވެ ޚުޝޫޢަތްތެރިވުން ފަދަ ކަންކަން ހިމެނޭ ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ.
ހަމައެއާއިއެކު، ހުކުރުގެ ޖަމާޢަތަށް ސަމާލުކަން ދޭ ފަދައިން ފަރުޟުފަސް ނަމާދަށް ވެސް ސަމާލުކަން ދިނުމަށް ޚުތުބާގައި ބުނެފައިވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ޢުމުރުން ދުވަސްވެފައިވާ މީހުން ނަމާދަށް ފަރުވާތެރިވާ މަންޒަރަކީ ނުހަނު އުފާވެރިކަން ހިތަށް ގެނުވާ މަންޒަރެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ޒުވާނުންނާއި ފުރާވަރުގެ ކުދީން މިސްކިތްތަކުން ފެންނަ ޢަދަދު މަދުވުމަކީ ހިތާމައެއް ކަމަށެވެ.
މިއަދު ގެ ޚުތުބާގައި ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްކަން ކަމަށާއި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް މިސްކިތްތައް ވަރަށް ގިނަ ކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް އެ މިސްކިތްތަކަށް އަރައި ނަމާދުކުރާ މީހުންގެ ޢަދަދު މަދުކަމަކީ ހިތާމައެއް ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ. އަދި ރީތި މިސްކިތްތަކެއް ކިތަންމެ ބައިވަރު އަދި ކައިރިކައިރީގައި ބިނާކުރެވުނަސް އެ މިސްކިތްތަކުގެ ފަޅުފިލުވާން އަރާނެ ބަޔަކު ނުވާ ނަމަ އެއީ އެކަމާ ބިރުގަންނާން ޖެހޭނެ ކަމެއް ކަމުގައި މިއަދުގެ ޚުތުބާގައި ބުންޏެވެ.




