ކޮންމެ ސަރުކާރަކުން ފައްޓަވާފައިވާ މަޝްރޫއަކަށް ވެސް މި ސަރުކާރުން އިޙުތިރާމު ކުރާނެކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ސާބިތުކޮށްދެއްވައިފި ކަމަށް ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
އއ. އުކުޅަހު ފުޓުބޯޅަ ދަނޑު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ފަށައިފައިވާ މަޝްރޫއުތައް ވެސް ބާރު ސްޕީޑުގައި ގެންދެވޭނެ ގޮތަށް ފައިސާ ހޯދައިގެން ކުރިއަށްގެންދަވާނެ ކަމަށް ރައީސް ވިދާޅުވެފައިވާނެ ކަމަށެވެ.
”މިއަދު މި ރަށުގެ ދަނޑުން ނަމޫނާއަކަށް ފުދޭ އެކަން. އެ ދައްކަވައިދެއްވަނީ ޚާއްސަކޮށް ޒުވާނުންނަށް ހުރި ކަންކަން. ޒުވާނުންނަށް ހުރި ބައިވަރު ވަސީލަތްތައް މިއަދު މިހާ ހިސާބަށް އައިއިރު ހުރިހާ ރަށެއްގައި ގާތްގަނޑަކަށް ހުއްޓި، ބައެއް ދަނޑުތައް ވީރާނާވެފައި ހުރިކަން އަޅުގަނޑުމެންނަށް އެނގެން އޮތީ،“ ނައިބު ރައީސް ވިދާޅުވިއެވެ.
ސްޕޯޓްސް މިނިސްޓްރީން ޒުވާނުންނާ ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރާ ކަމީ ސަރުކާރަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޒުވާނުންނަކީ މި ގައުމުގެ ’ހަކަތަ‘ ކަމަށާއި ޒުވާނުން ޒުވާނުންގެ ގޮތުގައި މިސަރުކާރުން ބަލައި ގަންނާނެ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ، ”އަދި ޒުވާނުންނަށް އަޅުގަނޑުމެން ދޭން ބޭނުންވާ ޔަގީން ކަމަކީ މިހެން ހުރި ހުރިހާ ދަނޑުތަކެއް ދާދި އަވަހަށް މި ސަރުކާރުން ނިންމައިދޭނެ ކަމުގެ ޔަގީންކަން،“ އެވެ.
މި ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިއުއާއި އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ދަނޑު ހުޅުވުމުގެ މުނާސަބަތުގައި ކުޅުނު މެޗުގައި ވާދަކުރީ، ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިންގެ މައްޗަށް އެކުލަވާލާފައިވާ ލެޖެންޑުންގެ ޓީމަކާއި އުކުޅަހު ޒުވާނުންގެ ޓީމެކެވެ. ނައިބު ރައީސް ވަނީ މި މެޗުގައި ބޭނުންކުރި ބޯޅައިގައި ސޮއިކުރައްވާފައެވެ.



