އިންޑިއާ ފިރިހެނަކު އޭނާގެ އަމިއްލަ ކައިވެނީގައި، ކައިވެންޏަށްވުރެ ބޮޑަށް ލޫޑޯ ކުޅެން އިން މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ވައިރަލް ވެއްޖެއެވެ.
އާންމުކޮށް މިދުވަސްވަރަކީ އިންޑިއާގެ ގިނަ ބަޔަކު ކައިވެނި ކުރާ ދުވަސްކޮޅު ކަމަށްވާއިރު، ބެންގަލޫރުގައި ކުރެވުނު މި ކައިވެނީގެ މަންޒަރު ދައްކުވައިދޭ އެ ފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.
އެ ފޮޓޯގައި ފެންނަނީ ފިރިހެނަކު އޭނާގެ ވާން އުޅޭ އަނބިމީހާއާއެކު ތަޅުންގަނޑުގައި އިށީންދެގެން އިން މަންޒަރެވެ. ނަމަވެސް އޭނާގެ ވާތްފަރާތުން ތަޅުންގަނޑުގައި ފޯނު ބާއްވާފައި އޮތް މަންޒަރާއި އޭނާ އެ ފޯނުން އޮންލައިންކޮށް ލޫޑޯ ކުޅެން އިން މަންޒަރު ވެސް އެ ފޮޓޯއިން ފެނެއެވެ، އޭނާގެ ކައިރީގައި އިތުރު ދެ ރަށްޓެއްސަކު ވެސް އިން އިރު، އެމީހުންގެ ނަޒަރުވެސް ހުއްޓިފައިވަނީ އޭނާ ކުޅޭ ގޭމަށެވެ. ކައިވެނީގެ ފޮޓޯނަގަން އިން މީހަކާއި ކައިވެނި ކޮށްދޭ ފާދިރީވެސް އެ ފޮޓޯއިން ފެންނަން ހުރެއެވެ.
މީސް މީޑިއާގައި މިފޮޓޯ އިއްޔެ އާންމުކޮށްފައިވާއިރު މިހާތަނަށް އެ ފޮޓޯއަށް ހަތަރު މިލިއަން ވިއުސް އަދި 56،000 ލައިކްސް ލިބިފައިވެއެވެ.
ފޮޓޯގެ ކެޕްޝަންގައި ލިޔެފައި އިނީ ”މީނާއަށް އެންމެ މުހިންމީ ކޮންކަމެއްކަން ރަނގަޅަށް ދައްކާދީފި“ ކަމަށެވެ.
އެ ފޮޓޯއަށް ކޮމެންޓުކުރި އެކަކު ބުނެފައިވަނީ ”ތިއީ ބެންގަލޫރު ކައިވެންޏެއް ވީމަ އޭނާ ކުށްވެރި“ ނުކުރުމަށެވެ. ސަބަބަކީ ބެންގަލޫރު ކައިވެނިތަކަކީ އާންމުކޮށް ވަރަށް ގިނަ ވަގުތު ނަގާ ކައިވެނިތަކެއް ކަމަށް ވެސް ބުނެފައިވެއެވެ.




