ގްލޯބަލް ޕާޓްނަޝިޕް ފޮރ އެޑިޔުކޭޝަން (ޖީޕީއީ) ގެ ބޯޑް އޮފް ޑިރެކްޓަރސްގެ ބައްދަލުވުމުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ބައިވެރިވެވަޑައިގެންފިއެވެ.
މި މަހުގެ 3 އިން 5 އަށް ދުބާއީގައި ބޭއްވުނު މި ބައްދަލުވުމުގައި އެޑިޔުކޭޝަން މިނިސްޓަރު ބައިވެރިވެވަޑައިގެންނެވީ އޭޝިއާ އަދި ޕެސިފިކް ދާއިރާ ތަމްސީލުކުރައްވާ ބޯޑު މެންބަރުގެ ހައިސިއްޔަތުންނެވެ.
މިނިސްޓަރުގެ އަރިހުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޓެކްނިކަލް އެޑްވައިޒަރު ޑރ. އަޙުމަދު މުޙައްމަދުވެސް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.
މި ބައްދަލުވުމުގައި ޖީޕީއީގެ ހިންގުމާ ގުޅުންހުރި ގިނަ ނިންމުންތަކާއި، ކުރިއަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، ކުރިއަށް އޮތް 3 އަހަރަށް ލަފާކުރާ ބަޖެޓު ކަނޑައެޅުމުގެ މަސައްކަތްވެސް މި ބައްދަލުވުމުގައި ކުރިއަށް ގެންދެވުނެވެ.
ގްލޯބަލް ޕާޓްނަރޝިޕް ފޯރ އެޑިޔުކޭޝަން (ޖީޕީއީ) އަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ތަޢުލީމީ ނިޒާމު ކުރިއެރުވުމަށް ހިލޭ އެހީ ފޯރުކޮށްދޭ ބައިނަލްއަޤްވާމީ އެންމެ ބޮޑު އެއް ފަންޑެވެ. ދިވެހިރާއްޖެ ޖީޕީއީގެ މެންބަރު ޤައުމަކަށްވީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.
ޖީޕީއީން ވަނީ ރާއްޖޭގެ ތަޢުލީމީ ނިޒާމު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން އެ ފަންޑުގެ 9.5 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއާއެކު ތަޢުލީމީ ނިޒާމަށް އިންގިލާބީ ހެޔޮ ބަދަލެއް ގެނައުމަށްޓަކައި ”ތައިބަ“ ގެ ނަމުގައި ތަޢުލީމާ ބެހޭ ވުޒާރާގައި ޚާއްސަ ޕްރޮޖެކްޓެއް ގާއިމުކުރެވި، މިހާރު އެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.




