މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިގު މުއްދަތެއްގެ ތެރޭގައި ކުރާ އަސަރުތަކަށް ރާއްޖެ ނާޒުކު ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ބަންޑާރަ ނައިބު މިހެން ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ގައުމުތަކުގެ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގައި ބޭއްވި އަޑުއެހުންތަކުގައި ރާއްޖޭން ބައިވެރިވެ، ދެއްވި ބަޔާނެއްގައެވެ.
އައިސީޖީން ބޭއްވި އަޑުއެހުންތަކުގައި ބައިވެރިވެ ބައިވެރިވެ ސުވާލު ހުށަހެޅުމަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް ހުޅުވާލުމުން، ރާއްޖެ ތަމްސީލު ކުރެއްވުމަށް މިއަދުގެ އަޑުއެހުމުގައި އުޝާމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެގޮތުން ބަންޑާރަނައިބު އުޝާމް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލާގައި ކެނޑިނޭޅި ވަކާލާތު ކުރެއްވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުން ފާހަގަކުރައްވައި، ރާއްޖެ ފަދަ ނާޒުކު ގައުމުތަކަށް ބައިނަލްއަގްވާމީ މުޖުތަމައުއިން އެހީ ފޯރުކޮށްދިނުމަށް އެ އަޑުއެހުމުގައި ގޮވާލައްވާފައެވެ.
މީގެއިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިގު މުއްދަތެއްގެ ތެރޭގައި ކުރާ އަސަރުތަކަށް ރާއްޖެ ނާޒުކުކަން ވެސް ފާހަގަ ކުރައްވާ، އެ އަސަރުތަކުގެ ސަބަބުން ދިވެހި ރައްޔިތުން ދިރިއުޅެމުންދާ ރަށް ބަދަލު ކުރަން ޖެހުމަކީ ސަރުކާރު ދެކޮޅު ކަމެއް ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުމުގައި ރާއްޖެ ތަމްސީލުކުރެއްވި ބައިނަލްއަގުވާމީ ވަކީލުން ހުށަހެޅުއްވި ބަޔާންތަކުގައި، ތިމާވެއްޓާބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ދިވެހިރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޮންނަ ޒިންމާއަށް ވަނީ އަލިއަޅުވާލާފައެވެ.
އެގޮތުން ކަސްޓަމަރީ އިންޓަނޭޝަނަލް ލޯގެ ދަށުން ގައުމުތަކަށް އެއްބާރުލުން ދިނުމަށް އޮންނަ ޒިންމާ ވަކީލުން ވަނީ ތަފްސީލުކުރައްވާފައިވެ އެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް އެހީ ފޯރުކޮށްދިނުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ މަސްއޫލިއްޔަތެއްކަން ވެސް ފާހަގަކުރައްވާފައިވެ އެވެ.




