ކުރީގެ ރައީސް މުހައްމަދު އަމީން ދީދީއަށް ހެދިގޮތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ވެސް ހަދާލާނެ ކަމަށް ދޭހަވާ ގޮތަކަށް އިދިކޮޅު އެމްޑީޕީގެ މެންބަރަކު ބުނި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ކުޅުދުއްފުށި ސިޓީގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ”ޤާނޫނު އަސާސީގެ ދިފާއުގައި“ ގެ ނަމުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަމުން، އެ ޕާޓީގެ މެންބަރަކު ބުނެފައިވަނީ ރައީސް މުހައްމަދު އަމީން ކުޅުއްވީ ދުންފަތާ ކަމަށާއި ”މީނަ މިކުޅެނީ“ ޤާނޫނު އަސާސީއާ ކަމަށެވެ.
”މުހައްމަދު އަމީން ކުޅުނީ ދުންފަތާއޭ، މީނަ މިކުޅެނީ ޤާނޫނު އަސާސީއާއޭ. މުހައްމަދު އަމީނަށް ވީގޮތްވެސް ފެނިގެން ދާނެ ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނަށް، އެހެންވީމަ ޤާނޫނު އަސާސީއާ ކުޅޭކަމަށްވަންޏާ ރީތި ކެއްސެއް ލިބިގެންދާނެ“ އެ މެންބަރު ބުނެފައިވެއެވެ.
މީސް މީޑީއާގައި މިހާރު މި ވީޑިއޯ ދައުރުވަމުންދާއިރު، މިއީ ރައީސް މުޢިއްޒުއަށް ގެއްލުން ދޭނެކަމަށް ބުނެފައިވާ ބަސްތަކެއްކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި މިމައްސަލަ ބަލަން ޖެހޭނެ ކަމަށް ފުލުހުންނަށް ވަނީ ގޮވާލާފައެވެ.
މިކަމާ ގުޅޭގޮތުން ”ސައުވީސް“ އަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މި މައްސަލަ ފުލުހުންގެ ސަމާޅުކަމަށް އައިސްފައިވާ ކަމަށާއި އެހެންކަމުން މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އިދިކޮޅު އެމްޑީޕީގެ މެންބަރެއްގެ މިފަދަ ވާހަކަތަކެއް ފެންމަތިވެފައިވާއިރު، ދާދިފަހުން އެ ޕާޓީގެ އެކްޓިވިސްޓަކު ”ޗާލީ ތުއްތު“ ގެ ނަމުގައި ”އެކްސް“ ގައި ކުރި ޕޯސްޓަކާ ގުޅިގެން ފުލުހަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފައެވެ. އެގޮތުން އޭނާ ވަނީ ”ކައްޒާބު“ މިނަން ބޭނުންކޮށް، ޗާލީ ތުއްތު 270 ރުފިޔާއަށް ކޮންމެވެސް އެއްޗެއް ގަތް ވާހަކަ ބުނެ ހަޑިހުތުރު ބަހުން މުއާމަލާތު ކޮށްފައެވެ. އަދި އެބުނާ މީހަކު (ކައްޒާބު) މަގެއްގެ މަތިން ނުފެނުމަށް ވެސް ބުނެފައިވެއެވެ.
އެއީ ބިރުދެއްކުމުގެ އިބާރާތެއް ކަމަށް ސިފަ ކުރެވޭތީ ފުލުހުން ވަނީ ”ޗާލީ ތުއްތު“ ހޭންޑްލް ބޭނުންކުރާ ހުސެއިން ޝާފިއު (ތުއްތު) ފުލުހަށް ހާޒިރުކޮށް ސުވާލު ކޮށްފައެވެ. ނަމަވެސް އޭނާވަނީ ކޮށްފައިވާ ތުހުމަތުތަކަށް އިންކާރުކޮށް، ހަނު ހުރެފައެވެ.
ކިޔުންތެރިންގެ އިތުރު މައުލޫމާތަށްޓަކައި:
ރާއްޖޭގެ ތާރީހަށް ބަލާއިރު، ދުންފަތް މަނާކުރުމުގެ ސަބަބުން ރައްޔިތުން އިންތިހާއަށް ރުޅިއައިސްގެން ކުރީގެ ރައީސް މުހައްމަދު އަމީން ދީދީއަށް ކުރި ރަހުމް ކުޑަ އަނިޔާ ފެށުނީ އޮގަސްޓް 1953 ގައި ސިފައިންގެ އަނބުގަސްދޮށުގައި އެވެ. ކޮޅުނބުން ރާއްޖެ އައުމުން ސީދާ އެއަރޕޯޓުން ދޫނިދޫއަށް ގެންދިޔައީ އެމަނިކުފާނުގެ ރައްކަލަށް ކަމަށް ބުނެފައެވެ. އެއިރުގެ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އެމަނިކުފާނު މާލެ އައުން މިހާރު ރަނގަޅޭ ކިޔާފައި އެއާޕޯޓުން ފަހުން މާލެ ގެނައީއެވެ.
އާންމުންގެ ގިނަ ބަޔަކު ގޮސް ރައިސް އަމީނަށް އަނިޔާކުރަން ފެށީ ސިފައިންގޭގައި ހުއްޓައި ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ. އެވަގުތު ރައީސްގެ އަތުގައި އޮތީ ބިޑިއަޅުވާފައި އެވެ. އަދި ކުރަމުން ގެންދިޔަ އަނިޔާ ހުއްޓުވަން ސިފައިން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.
މީގެއިތުރުން ގުޅަކުޅޭ ފަސްގަނޑުގައި އެތައް އިރެއް ވަންދެން ރަހުމްކުޑަކޮށް ރައީސަށް ތަޅާ އަނިޔާކުރި ކަމަށާއި އެމަނިކުފާނުގެ ބޮލުންނާއި ހަށިގަނޑުގެ އެތަން މިތަނުން ލޭ އަންނަވަރު ވެސް އެމީހުން ކުރިކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. އަދި އެމަނިކުފާނަށް އަނިޔާކޮށްފައި މާލެ ފަޅުގައި އޮތް ބައްތެއްޔަކަށް އެއްލާލި ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
ހަމައެދުވަހު ފަށްޖެހި އެނދެއްގައި ބޮޑު ބަނޑޭރިގެއަށް ރައީސް މުހައްމަދު އަމީން ގެންދިޔަ އެވެ. އަދި ވަގުތުން ވަގުތަށް ތަހުގީގު ނިންމި އެވެ. ޝަރީއަތް ނިމިގެން ދިޔައީ އެމަނިކުފާން ”ކުށަށް އިއުތިރާފް“ ވުމުންނެވެ. އަދި އިއުތިރާފްވުމުން ކ. ގާފަރަށް އެމަނިކުފާނު އަރުވާލި އެވެ. ނަމަވެސް ހާލަތު ގޯސްވުމުގެ ސަބަބުން ވިހަމަނާފުއްޓަށް ބަދަލުކުރި އެވެ. އެއީ މިހާރުގެ ކުރުނބާ މޯލްޑިވްސް ރިސޯޓެވެ.
ތާރީހާ ގުލޭގޮތުން ދެކެވޭ ވާހަކަތަކުން ހާމަވެގެން ގޮސްފައިވަނީ ރައީސް އަމީން ދީދީ އެހާލަތުގައި އޮތް އިރުވެސް އެއްވެސް ސިއްހީ ފަރުވާއެއް ދީފައި ނުވާ ކަމެވެ. އަދި ރައީސް އަމީން އަވަހާރަވެގެން ދިޔައީ އެރަށުގައި، ޒަހަމްތަކަށް ފަރުވާ ނުލިބުމުގެ ސަބަބުން ހާލަތު ގޯސްވުމުން ކަމަށް ވެސް ތާރީހީ ރިޕޯޓުތަކުގައި ބުނެފައިވެއެވެ.



