ފުރާނައަށް ނުރައްކާވާފަދަ ވިހަގަދަ ބޮއްޔެއްކަމަށްވާ ކޯންސްނެއިލް، މާލޭ ރަސްފަންނުން ފެންނާތީ ސަމާލުވާން އިލްތިމާސް ކޮށްފިއެވެ.
ތިމާވެށީގެ ދިރުންތަކާ ގުޅޭގޮތުން މަސައްކަތްކުރާ ޖަމިއްޔާ އޯޝަންހޯލިކް މޯލްޑިވްސްއިން އެ ބޮލީގެ ވީޑިއޯއަކާއެކު އިއްޔެ މީސްމީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި ބުނެފައިވަނީ ކޯންސްނެއިލްގެ އެ ވައްތަރަކީ ވަރަށް ވިހަގަދަ އަދި ބައެއް ފަހަރު ފުރާނައަށް ވެސް ނުރައްކާވާފަދަ އެއްޗެއް ކަމަށެވެ.
އެޖަމިއްޔާއިން ބުނިގޮތުގައި އެވައްތަރުގެ ބޮލި އާންމުކޮށް ފެންނަނީ ހަވީރާއި ރޭގަނޑުގެ ވަގުތުގައެވެ.
އެހެންކަމުން އެ ވަގުތުތަކުގައި ރަސްފަންނަށް މޫދަށް އެރިއުޅޭ މީހުން ސަމާލުވުމަށާއި ޚާއްސަކޮށް ހުސްފައިގައި ނޫޅުމަށް އޯޝަންހޯލިކް މޯލްޑިވްސްއިން ވަނީ އިލްތިމާސް ކޮށްފައެވެ.
ކޯންސްނެއިލް ބޮއްޔާމެދު ދިރާސާތަކުން ބުނެފައިވަނީ، މިބާވަތުގެ ބޮލީގެ ދަތުން ދޫކުރާ ވިހައިގެ ސަބަބުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިންސާނާ ވާގިނެތުމާއި، ހާޓްއެޓޭކެއް ޖެހުން އަދި ކުއްލި ގޮތަކަށް މަރުވުންފަދަ ހިތާމަވެރި ހާދިސާތައް ދިމާވާ ކަމަށެވެ.



