މިއަދު މާލޭގެ މަގިމަތީގައި މުޒާހަރާ ކުރި ބިދޭސީންގެ ހައްގުތަކެއް ގެއްލިފައިވާ ކަމަށް އެ ބިދޭސީން ބުނާތީ، މިވަގުތު ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ބޭފުޅުންވެސް އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ހަރަކާތްތެރިވަމުންދާ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަހީދު ވިދާޅުވެއްޖެއެވެ.
މުސާރަ ނުދޭތީ ކަމަށް ބުނެ 55 ބިދޭސީއަކު މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުކަމަށްވާ މުލިއާގޭ ދޮށަށް އެއްވެ މުޒާހަރާ ކުރަން ފަށާފައެވެ.
ފުލުހުން ފަހުން ވަނީ އެބިދޭސީން ފަހަތަށް ޖައްސައި މަޖީދިއްޔާ ސްކޫލާ ހަމައަށް ގެންގޮސްފައެވެ. އަދި އިމިގްރޭޝަނާ ފަހުން އެ ބިދޭސީން ހަވާލު ކޮށްފައިވާ ކަމަށާއި މުޒާހަރާ ކުރީ 38 އިންޑިއާ ރައްޔިތަކާއި 17 ބަންގްލަދޭޝް ރައްޔިތެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން ޝަމްޢާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު މާލޭގެ ގްރީން ޒޯނުގައި މުޒާހަރާކުރި 55 ބިދޭސީން ފުލުހުން ވަނީ އިމިގްރޭޝަނާއި ހަވާލުކޮށްފައި ކަމަށާއި މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން މިވަގުތު ދަނީ ބަލަމުން ކަމަށެވެ. އަދި މި ބިދޭސީންނާ މެދު އަޅަންޖެހޭ ފިޔަވަޅެއް އަޅާނީ މައްސަލަ އެއްކޮށް ތަހުގީގުކޮށް ނިމުމުން ކަމަށް ވެސް ޝަމްޢާން ވިދާޅުވިއެވެ.
”މި ބިދޭސީންގެ ހައްގުތަކެއް ގެއްލިފައިވާކަމަށް އެފަރާތްތަކުން ބުނަމުންދާތީ، މިވަގުތު ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ބޭފުޅުންވެސް ދަނީ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ހަރަކާތްތެރިވަމުން“ ޝަމްއާން ވިދާޅުވިއެވެ.
މީގެއިތުރުމް ޝަމްއާން ވިދާޅުވީ އިމިގްރޭޝަނުން ދޫކޮށްފައިވާ ހުއްދައިގެ ދަށުން ރާއްޖޭގައި އުޅޭ އެއްވެސް ފަރާތަކަށް ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފުވާން ފުރުސަތު ނުދޭނެ ކަމަށާއި އެފަދަ ފަރާތްތާއިމެދު އިމިގްރޭޝަން ޤާނޫނުގެ ދަށުން ޢަމަލު ކުރާނެ ކަމަށެވެ.




