ސީރިއާގައި ދިގު 54 އަހަރު ވަންދެން ވެރިކަން ކުރި ރައީސް ބަޝާރުލް އަސަދުގެ ވެރިކަން ނިމުމަކަށް އައުމާ ގުޅިގެން އެ ޤައުމުގައި އުފާފާޅުކުރަން ފަށައިފިއެވެ.
ސީރިއާއަށް ހަތިޔާރާއެކު އެރި އިދިކޮޅު ހަނގުރާމަވެރިން، އެ ޤައުމުގެ ވެރިކަން ވައްޓާލައި ބަޝާރުލް އަސަދުގެ ކިބައިން ސީރިއާ ސަލާމަތްވެއްޖެ ކަމަށް ބުނެ މިއަދު ވަނީ އިއުލާނު ކޮށްފައެވެ. އަދި ސީރިއާގެ ވެރިރަށް ދިމިޝްޤު އެމީހުންގެ ބާރުގެ ދަށަށް މިހާރު ގެނެސްފައިވާ ކަމަށާއި ދިމިޝްޤަށް އެރުމާއެކު އެ ޤައުމުގެ ރައީސް ބަޝާރުލް އަސަދު ޤައުމު ދޫކޮށް ފިލައިފި ކަމަށް ވެސް ބުނެފައިވެއެވެ.
ސީރިއާގެ ވެރިކަން ވެއްޓިއްޖެކަން އިދިކޮޅު ފަރާތްތަކުން އިއުލާނު ކޮށްފައިމިވަނީ ހޯމްސް ސިޓީއަށް ހަތިޔާރާއެކު ހަނގުރާމަވެރިން އެރިތާ ގަޑިއިރުތަކެއް ފަހުންނެވެ. ހޯމްސް ސިޓީއަށް އެރުމަށްފަހު ދިމިޝްޤަށް ވެސް އަރާނެ ކަމަށް ހަނގުރާމަވެރިން އެއިރު އިއުލާނުކޮށް ބުނެފައިވަނީ ބަޝާރުލް އަސަދުގެ 54 ވީ ވެރިކަން ނިމުމަކަށް ގެނެސް އެ ޤައުމަށް އަމާންކަން ގެންނާނެ ކަމަށެވެ.
އިދިކޮޅު ހަނގުރާމަވެރިންގެ ކޮމާންޑަރު އަބޫ މުހައްމަދު އަލް-ޖުލާނީ މީގެކުރިން ބުނެފައިވަނީ ބަޝާރުލް އަސަދުގެ އަނިޔާވެރިކަމަށް ނިމުމެއް ގެނެސް އެ ޤައުމު ސަލާމަތް ކުރާނެ ކަމަށާއި ވެރިކަން ވައްޓާލި ނަމަވެސް ރައްޔިތުންގެ ސަލާމަތްތެރިކަން ކަށަވަރުކޮށްދޭ ކަމަށެވެ.
އެ އިންޒާރާއެކު ޤަތަރު، ސައުދީ އަރަބިއާ، ޖޯޑަން، މިސްރު، އިރާޤް، އިރާން، ތުރުކީ އަދި ރަޝިއާ އިން ވަނީ ވެރިކަން ވައްޓާލުމަކީ ސީރިއާއަށް އޮތް ނުރައްކަލެއް ކަމަށްބުނެ އެކަން ނުކުރުމަށް ގޮވާލައި ޖޮއިންޓް ސްޓޭޓްމަންޓެއް ނެރިފައެވެ.
ނަމަވެސް ސީރިއާގެ އިދިކޮޅު ޖަމާއަތުން ބުނީ އެއްވެސް ނުރައްކަލެއް ސީރިއާގެ އެއްވެސް ރައްޔިތަކަށް ނުފޯރާނެ ކަމަށާއި އެމީހުން މަސައްކަތް ކުރާނީ ރައްޔިތުން އިސްކޮށްގެން ރައްޔިތުންނަށް ފައިދާވާނެ ގޮތްތަކަކަށް ކަމަށާއި ރައްޔިތުންނާއެކު ކަމަށެވެ.
”މިއީ ސީރިއާގެ ޅަދަރީންނަށް ވެސް ލިބުނު ކާމިޔާބީއެއް. މިއީ އެތައް އަހަރެއް ވަންދެން އަމިއްލަ ބިމުގައި އެދަރީންނަށް ނުލިބުނު މިނިވަންކަން މިހާރު ލިބިއްޖެކަމުގެ ޔަގީންކަން، އެތައް އަހަރުތަކެއް ވަންދެން އެ ޅަދަރީން އަމިއްލަ ގެދޮރު ދޫކޮށްލާ އުޅެންޖެހުނު ބިކަ ހާލަށް އައި ނިމުމެއް މިއީ“ އިދިކޮޅުން ނެރުނު ސްޓޭޓްމަންޓުގައި ބުނެފައިވެއެވެ.
މީގެއިތުރުން ހަނގުރާމަވެރި އިދިކޮޅު ޖަމާއަތުން ބުނީ އެކަކު އަނެކަކާއެކު ގުޅިގެން މަސައްކަތް ކުރުން އެމީހުން ވަރުގަދަ ކުރާނެ ކަމަށާއި ޤައުމުގެ ކޮންމެ ރައްޔިތަކަށް ވެސް ދެން ހަމަހަމަކަމާއެކު އިންސާފު ލިބިގެންދާނެ ކަމަށެވެ.
ސީރިއާގެ ވެރިކަން ވެއްޓުމާއެކު އެޤައުމުގެ އަލޭޕޯގެ މަގުތަކުގައި ރައްޔިތުން ދަނީ އުފާފާޅުކުރަމުންނެވެ.




