ރާއްޖޭގެ އެންމެހާ ރައްޔިތުންގެ ކައިރިއަށް ހާލަތު ދެނެގަތުމަށް ސަރުކާރުން ފަށާފައިވާ ”ހާލު ކިހިނެއް“ ޕްރޮގްރާމުގެ ދަށުން، ފުވައްމުލައް ސިޓީގެ 560 އަށްވުރެ ގިނަ އާއިލާގެ ހާލު މިނިސްޓްރީ އޮފް ޖެންޑާ، ސޯޝަލް އެންޑް ފެމިލީ ސާވިސަސް އިން ބަލައިފިއެވެ.
އެގޮތުން މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި އެ މިނިސްޓްރީގެ ނައިބު ނަޒީޙާ އަޙްމަދު ވިދާޅުވީ ފުވައްމުލަކު ސިޓީގައި ހާލު ކިހިނެއް ޕްރޮގުރާމް ފެށީ މިމަހުގެ 3 ވަނަ ދުވަހު ކަމަށާއި އިއްޔެގެ ނިޔަލަށް 560 އަށްވުރެ ގިނަ ގޭބިސީއަށް ޒިޔާރަތްކޮށް، ކަންބޮޑުވުންތައް އަޑު އަހާފައިވާ ކަމަށެވެ.
”ހާލު ކިހިނެއް“ ޕްރޮގްރާމުގެ ދަށުން ފުވައްމުލައް ސިޓީގެ ހުރިހާ ގޭބިސީއަކަށް ޒިޔާރަތްކުރާނެ ކަމަށާއި ޢާއިލާތަކާއި ވަކިވަކި މީހުންގެ ފަރާތުން ލިބޭ ކަންބޮޑުވުންތައް ހައްލު ކޮށްދޭން މަސައްކަތްކުރައްވާނެ ކަމަށް ވެސް ނަޒީޙާ ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ނަޒީހާ ވިދާޅުވީ ފުވައްމުލައް ސިޓީގެ ރައްޔިތުން އެންމެ ގިނައިން ފާހަގަކޮށްފައިވަނީ ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމަށް ދިމާވާ ދަތިތައްކަމަށެވެ.
ސަރުކާރުން އިސްނަގައިގެން ޖެންޑާ މިނިސްޓްރީން ކުރިއަށްގެންދާ ”ހާލު ކިހިނެއް“ ޕްރޮގްރާމަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ގެތަކަށް ޒިޔާރަތްކޮށް ހާލު ބަލައި ދައުލަތުގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ސަބަބުން ރައްޔިތުންނަށް ދަތިވާ ކަންކަން ސަރުކާރާ ހަމައަށް ގެންދިއުމުގެ ފަހި ފުރުޞަތެއް ލިބެއެވެ. މިހާތަނަށް މާލެއާއި ގއ. އަތޮޅާއި ތ. އަތޮޅުގައި ހާލު ކިހިނެއް ޕްރޮގުރާމް ވަނީ ފަށާފައެވެ. މި ޕްރޮގްރާމްގެ ތެރެއިން ޢާއްމުން އެންމެ ގިނައިން ހުށައަޅާފައިވަނީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަތަކެވެ.


