މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓު އަންނަ މަހު 17 ގައި ބޭނުން ކުރަން ފަށާނެ ކަމަށް މިނިސްޓްރ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝިއަން މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް ވައިޑް-ބޮޑީ މަތިންދާބޯޓު ގެނެސް ހިދުމަތް ދޭން ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ ސަރުކާރުގެ އެހީތެރިކަމާއެކު މޯލްޑިވިއަންއަށް ހޯދި ވައިޑް-ބޮޑީ އޭ330 ގެ އެއަރކްރާފްޓް މިހާރު ޔޫރަޕުން ކުރަންޖެހޭ ހުރިހައި މަސައްކަތެއް ނިންމައި ބޯޓުގެ ލިވަރީ ބަދަލުކުރުމަށްޓަކައި ސިންގަޕޫރަށް ގެންގޮސްފައިވާކަމަށާއި މިހާރު ޝެޑިއުލް އޮތްގޮތުން މިމަހުގެ 31 އަށް މި މަސައްކަތް ނިމިގެންދާނެކަމަށެވެ.
”މިހާރު ޕްލޭން އޮތް ގޮތުން ފުރަތަމަ ވައިޑް-ބޮޑީ އެއަރކްރާފްޓް ޖަނަވަރީ މަހުގެ 7 ވަނަ ދުވަހު ރާއްޖެ އަންނާނެ. އަދި މޯލްޑިވިއަންގެ ދުރު ދަތުރުތަކުގައި ޖަނަވަރީ 17 ވަނަ ދުވަހުން ފެށިގެން ވައިޑް-ބޮޑީ މަތިންދާބޯޓު ބޭނުންކުރަން ފަށާނެ“ މިނިސްޓަރ އަމީން ވިދާޅުވިއެވެ.
މިނިސްޓަރ އަމީން ފާހަގަކުރެއްވިގޮތުގައި މިއީ ރާއްޖޭގެ އޭވިއޭޝަންގެ ސިނާއަތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ރާއްޖޭގެ ކުދި ވިޔަފާރިތަކަށްވެސް މިކަމުގެ ހެޔޮ އަސަރުތައް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.


