ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާއެއްގޮތަށް ކުރިއަށް އޮތް ދެ އަހަރު ދުވަހު ތެރޭގައި ހުރިހާ ޕްރޮޖެކްޓެއްގެ މަސައްކަތް ވެސް ފައްޓަވާނެ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަހަދައިން ވިދާޅުވީ ކ. އަދި އއ. އަތޮޅަށް މިއަދު ހެނދުނު ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން އއ. ތޮއްޑޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
އެގޮތުން ރައީސް ވިދާޅުވީ މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ވެފައިވާ ވައުދުފުޅުތަކުގެ ތެރެއިން މިއަހަރު އެއްވެސް މަސައްކަތެއް ނުކުރެވުނީ ސިޔާސީ ވިސްނުމެއްގައި މި ސަރުކާރަށް އުނދަގޫކުރަން، އޭރުގެ ސަރުކާރުން ފާސްކުރި ބަޖެޓުގެ ސަބަބުން ކަމަށެވެ.
ނަމަވެސް އަންނައަހަރާއި 2026 ވަނަ އަހަރު ވެގެންދާނީ އެމަނިކުފާނުގެ ރިޔާސީ ވައުދުތައް ފުއްދުމުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާނެ ދެ އަހަރަށް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
”މިއަންނަ އަހަރު، 2025 ގެ ޖަނަވަރީ އިން ފެށިގެން 2026 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ބަހާލެވިގެން ތަރުތީބެއްގެ ތެރެއިން އަޅުގަނޑު ވެފައި ހުރި ހުރިހާ ވައުދެއް ފުއްދުމުގެ މަސައްކަތްތަށް ކުރިއަށް ދާނެ. އެއީ ބަނދަރު، މަގު، ބިންހިއްކުން، ކުޅިވަރާބެހޭ ކަންކަން އަދި ވައުދުވީ ހުރިހާ މަޝްރޫޢުއެއްގެ މަސައްކަތެއް ވަކި ތަރުތީބެއްގެ ތެރެއިން އަމަލީގޮތުން ފަށާނަން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ އެކި މަޝްރޫޢުތައް ލިބެމުންވެސް ދާނެ ކަމަށާއި ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަށް ވަކި ތަރުތީބެއްގެ ތެރެއިން ކުރިއަށް ދާނެ ކަމަށެވެ.



