ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އއ. ރަސްދޫއަށް ކުރެއްވި ދަތުރުފުޅުގައި، އެ އަތޮޅުގެ ތަރައްޤީއަށް އިސްކަންދޭ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ އއ. އަތޮޅުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުން އިތުރުކުރުމަށް އަމާޒުކޮށްފައިވާ މުހިންމު މަޝްރޫޢުތަކާއި، ދިމާވެފައިވާ މައްސަލަތަކަށް ޙައްލު ހޯދުމާއި، އަދި އަތޮޅުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވޭނެ ކަންތައްތަކާއި ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ.
އަތޮޅު ކައުންސިލާ ބައްދަލު ކުރެއްވުމުގެ ކުރިން ރައީސް މުޢިއްޒު ވަނީ ރަސްދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާ ވެސް ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުން ރަށުގެ އެންމެ މުހިންމު ބޭނުންތަކާއި، މިހާރު ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކާއި، އަދި މުޖުތަމަޢުގެ ކަންބޮޑުވުންތައް ރައީސް އާއި ހިއްސާ ކޮށްފައިވެއެވެ. މީގެ އިތުރުން ސަރުކާރުގެ މަސައްކަތްތަކާއި ރައްޔިތުން އެންމެ ބޭނުންވާ ކަންތައްތައް އެއްގޮތްކޮށް، އެ ބޭފުޅުންގެ ބޭނުންތައް އެންމެ ފުރިހަމަ ގޮތުގައި ފުއްދުމަށްޓަކައި ކުރެވިދާނެ ކަންތައްތައް ދެނެގަތުމާއި ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ.
ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާ، އަތޮޅުތަކާ ރަށްތަކާ ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ އަދި އ.ތ.މ. ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް އެމަނިކުފާނު މިއަހަރު ފަށްޓަވައިގެން ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގައި ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި ތަރައްޤީގެ މަޝްރޫޢުތައް ތަރުތީބުކުރާނޭގޮތާއިމެދު މަޝްވަރާކުރައްވާނެއެވެ.
ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ، އެމަނިކުފާނުގެ އަމާޒަކީ، މި ފަސްއަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތްކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވުން ކަމަށެވެ.



