މިދިޔަ ސަރުކާރުން އެކިއެކި އިންތިޚާބުތަކާ ދިމާކޮށް 1،905 ކުށްވެރިން މިނިވަންކުރި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ތޮއްޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް މުޢިއްޒު ވިދާޅުވީ، މި ސަރުކާރުން އިންތިޚާބުތަކާ ދިމާކޮށް ސިޔާސީ ވިސްނުމެއްގައި އެއްވެސް ބަޔަކު ޖަލުން ދޫކޮށްލާފައިނުވާނެ ކަމަށެވެ. އެހެންނަމަވެސް މިދިޔަ ސަރުކާރުގައި ކޮންމެ އިންތިޚާބަކާ ދިމާކޮށް އެތައް ސަތޭކަ ކުށްވެރިންނެއް ދޫކުރި ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ހާމަކުރައްވާފައިވާ ގޮތުގައި އޭގެ ތެރޭގައި 2019 ވަނަ އަހަރު 762 ކުށްވެރިން، 2021 ވަނަ އަހަރު 458 ކުށްވެރިން، 2022 ވަނަ އަހަރު 256 ކުށްވެރިން އަދި 2023 ވަނަ އަހަރު 429 ކުށްވެރިން ހިމެނެއެވެ.
”އެކި އިންތިޚާބުތަކާ ދިމާކޮށް ޖަލުތަކުގައި ތިބޭ ކުށްވެރިން އެއްވެސް ވަރެއްގެ ރިހެބްލިޓޭޝަނެއްގެ ތެރެއަށް ނުގޮސް މަގުމައްޗަށް ދޫކޮށްލާތަން ފެނުނު. އޭގެ ސަބަބުން ވަރަށް ގިނަ އެކި ކަހަލަ ނުރައްކާތެރި ކަންތައް އަނިޔާވެރި ކަންކަން މަގުމަތީ ހިނގާ. ހަމަނުޖެހުން އުފެދިފައިވޭ.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، އެ މަނިކުފާނުގެ ވެރިކަމުގައި ކްލެމެންސީއާއި އަދި ރައީސަށް ލިބިދީފައިވާ ބާރުގެ ތެރެއިން އަދަބު ލުއިކޮށްދީގެން މާފުދީ މިނިވަންކޮށްފައިވާނީ 86 ކުށްވެރިން ކަމަށެވެ. އަދި މި ސަރުކާރުން އިންތިޚާބުތަކާ ދިމާކޮށް ސިޔާސީ ވިސްނުމެއްގައި އެއްވެސް ބަޔަކު ޖަލުން ދޫކޮށްލާފައިނުވާނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ޖަލުގައި ތިބޭ މީހުންނަށް ރިހެބްލިޓޭޝަނާއި ސަރުކާރުގެ މަޝްރޫއުތަކުގައި ބައިވެރިވެވޭ ގޮތަށް ކެބިނެޓުން ނިންމާފައިވާ ކަމަށެވެ. މީގެ ސަބަބުން ގައިދީން ޖަލުން ނުކުންނައިރު ތިބޭނީ ކަންތައްތަކެއް ދަސްވެފައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން ބޭނުންވަނީ މުޖުތަމަޢުއަށް ހަމަޖެހުން ގެންނަން ކަމަށާއި، އެހެންކަމުން ސިޔާސީ ވިސްނުމެއްގައި ބަދަލު ހިފުމުގެ ރޫހުގައި އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.



